ނިއުދިއްލީން: މުހައްމަދު ޝާން

ރާއްޖޭގެ ފޯވާޑް، އަދި ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އަކީ ހީނުކުރާވަރުގެ ނުރާއްކާތެރި ކުޅުންތެރިއެއް ކަމަށް ޕާކިސްތާންގެ ޤައުމީ ޓީމްގެ ކޯޗް ޒަވީސާ ބުނެފ ިއެވެ.

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީ ފަޅިން މިއަދު ރާއްޖެ ގަޑިން 5:30 ގައި ޕާކިސްތާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޗް ޒަވީސާ ބުނީ، ބައިކޮޅަށް ލަނޑެއެއް ނުވަދެ މެޗް އެއްވަރު ކޮށްލުމުން ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ. އަދި ރާއްޖެ އަކީ މިމުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން މޮޅު ޓީމަކަށް ވީއިރު، މިއަދުގެ މެޗްގައި ޕާކިސްތާނުން ބޮޑަށް އިސްކަން ދިނީ ރާއްޖެ ޓީމުގެ ނުރައްކާތެރި ފޯވާޑް އަލީ އަޝްފާގް ހިފެހެއްޓުމަށް ކަމަށް ޒަވީސާ ބުންޏެވެ.

"ރާއްޖެ އަކީ މޮޅު ޓީމެއް. އެޓީމުގައި އެބަރުހި ޖެހިލުންވާވަރުގެ ކުޅުންތެރިއެއް. އެއީ އެޓީމް ކެޕްޓަން. އަހަރު މެން ބޮޑަށް ބެލީ އޭނަ ހިފެހެއްޓޭތޯ. އެކަމަކުވެސް ގިނަ ފަހަރަށް އަހަރުމެންގެ އަތުން އޭނަ ސަލާމަތްވޭ. މެޗް އެއްވަރު ވީމަ ހިތް ހަމަޖެހޭ" ނޫސް ވެރިންނާ ވާހަކަ ދައްކަމުން ޕާކިސްތާންގެ ކޯޗް ބުންޏެވެ.

މުބާރާތުގައި ޖުމްލަ ދެ މެޗް ކުޅެ، ދެ ޕޮއިންޓު ލިބުމުން ކޯޗް ޒަވީސާ ބުނީ، ކުރިއަށް އޮތްް ނޭޕާލް މެޗް ކާމިޔާބު ކުރުން ވަރަށް މުހިންމު ކަމަށެެވެ. އަދި ސެމީ ފައިނަލާ ހަމައަށް ދެވެން އޮތީ މަސައްކަތް ކޮށްގެން ކަމަށްވީއިރު، ނޭޕާލް މެޗަކީ އެހާފަސޭހަ މެޗެއް ނޫން ކަމަށެވެ.

"އަހަރުމެން އޮތީ ސެމީއަށް ގޮސްފައެއް ނޫން. އަދި ކުރިއަށް އޮތީ މަސައްކަތް. މަސައްކަތް ކޮށްގެން ނޫނީ އަހަރުމެނަކަށް ވެސް ކާމިޔާބެއް ނެތް" ޒަވީސާ ބުންނެވެ.

ނެހެރޫ ސްޓޭޑިޔަމްގައި މިއަދު ރާއްޖެއާ ކުޅެ ލަނޑެއް ކާމިޔާބު ނުކުރެވި ދެޓީމް ވެސް 0-0 ލަނޑުން އެއްވަރު ވުމުން، ކޮންމެ ޓީމަކަށް ވެސް ލިބިފަިއ ވަނީ ޖުމްލަ ދެ ޕޮއިންޓެވެ.
އެގޮތުން ޕާކިސްތާނަށް ދ ެޕޮއިންޓް ލިބެނީ މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްގާޅި އާ ދެކޮޅަށް ކުޅުނު މެޗް 0-0 ލަނޑުން ދެޓީމް އެއްވަރު ވުމުން ލިބޭ ޕޮއިންޓާއެކު، މިއަދު ރާއްޖެ މެޗުން ލިބުނު ޕޮއިންޓުންނެވެ.