06 Feb 2020, 09:16
އަޖޭ ދޭވްގަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "މައިދާން" ރިލީޒްކުރާ ތާރީހް ފަސްކޮށްފި އެވެ.
މި ފިލްމު ކުރިން ސިނަމާތަކަށް ގެންނަން ނިންމީ އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ. ނަމަވެސް އެ ތާރީހަށް ބަދަލު ގެނައިކަން އަޖޭގެ ޓްވީޓްގައި ބުނެފައިވެ އެވެ. މިހާރު ފިލްމު މައިދާން ފެނިގެންދާނީ އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. ފިލްމު ފަސްކުރި ނަމަވެސް އެ ފިލްމު ފަސްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.
އެ ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ ދެކުނު އިންޑިއާގެ ފިލްމީތަރި ޕްރިޔަމަނީ އެވެ.
ބޯނީ ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ އެ ފިލްމު ޑައިރެކްޓްކުރަނީ އަމިތު ޝަރުމާ އެވެ. މި ފިލްމަކީ އިންޑިއާގެ ފުޓްބޯޅައިގެ ބައްޕަ ސައިދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމުގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ބޯނީ ކަޕޫރު، އަކާޝް ޗައުލާ އަދި އަރުނާވާ ޖޯއީ އެވެ.