06 Feb 2020, 09:14
މާދަމާ ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "މަލަންގް"ގައި ފިލްމުގެ އަންހެން ލީޑު ތަރި ދިޝާ ޕަޓާނީ ފެނިގެންދާ ވަރަށް ފޯރިގަދަ ލަވައެއް އާންމުކޮށްފި އެވެ.
"ހުއީ މަލަންގް"ގެ ނަމުން ނަންދީފައިވާ އެ ލަވައިގައި ދިޝާގެ ރީތި ނެށުމެއް ފެނިގެން ގޮސްފައިވެ އެވެ. އަސީސް ކޯރުގެ ހިތްގައިމު އަޑުން އެ ލަވަ ކިޔާފައިވާއިރު ވެދު ޝަރުމާ ވަނީ އެ ލަވައިގެ މިއުޒިކް ހަދާދީފަ އެވެ.
މަލަންގް ގައި ދިޝާ ފެނިގެންދާނީ ވިލަން އެއްގެ ރޯލުންނެވެ.
މި ފިލްމުގައި ދިޝާ އާ އެކު ލީޑު ރޯލުން ފެނިގެންދާނީ އަދިތްޔާ ރޯއީ ކަޕޫރެވެ. ފިލްމުގައި އެދެތަރިންގެ އިތުރުން ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނިލް ކަޕޫރާއި ކުނާލް ކޭމޫ ވެސް ފެނިގެންދާނެ އެވެ.
ދިޝާ އާއި އަދިތްޔާގެ ކެމިސްޓްރީ ފެނިގެންދާ ފުރަތަމަ އޮން ސްކްރީން ފިލްމަކީ މި ފިލްމެވެ. ދިޝާ ބުނީ އަދިތްޔާ އަކީ އެކުގައި މަސައްކަތްކޮށްލަން ވަރަށް ފަސޭހަ އެކްޓަރެއް ކަމަށެވެ. ފިލްމުގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު އެދެތަރިންގެ ކެމިސްޓްރީ ވަރަށް ބޮޑަށް މެޗުވާ ކަމަށް ބެލުންތެރިން ބުނެއެވެ.