06 Feb 2020, 00:33
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގި ހިޔާ މަޝްރޫގެ ދަށުން ދީފައިވާ ފްލެޓްތައް މި ސަރުކާރުން އަތުލައިފި ނަމަ، ޕީޕީއެމްގެ ސަރުކާރެއްގައި އަނބުރާ ފްލެޓް ދިނުމަށް ޕީޕީއެމް-ޕީއެންސީ ކައުންސިލުން މިރޭ ފާސްކޮށްފިއެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ފުލެޓް ދީފައިވާ ބައެއް ފަރާތްތަކަކީ އޭގެ ހައްގުވެރިން ނޫން ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ބެލުމަށް ސަރުކާރުން ވަނީ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ. އޭގެ އިތުރުން އިއްޔެ މާލޭ ސިޓީ ކައުންސިލުން ވަނީ ފްލެޓް ދީފައިވަނީ އޭގެ ހައްގުވެރިންނަށްތޯ ބަލައި، ފްލެޓް ދިން ގޮތާމެދު ޖިނާއީ ތަހުގީގެއް ހިންގުމަށް ފާސްކޮށްފައެވެ.
މިކަމާ ގުޅިގެން މިރޭ ބޭއްްވި ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު، އިބްރާހިމް ޝުޖާއު ވަނީ ގަރާރެއް ހުށަަހަޅާފައެވެ.
ޝުޖާއު ހުށަހެޅުއްވީ، ހިޔާ މަޝްރޫގެ ދަށުން ފްލެޓު ލިބުނު ކަމުގެ ލިޔުން ދީފައިވާ މީހުންގެ އަތުން ފްލެޓް އަތުލުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށާއި ރައްޔިތުންގެ ހައްގު ހޯދުމަށް ކައުންސިލް މެމްބަރުން އެއްބަސްވުމަށެވެ.

ޕީޕީއެމް-ޕީއެންސީ އިން ބޭއްވި ކައުންސިލް ބައްދަލުވުން -- ފޮޓޯ/ ޕީޕީއެމް.
ޝުޖާއުގެ ގަރާރަށް އިސްލާހު ހުށަހެޅުއްވީ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސިއްދީގެއެވެ. އޭނާ ހުށަހެއްޅުވި އިސްލާހުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަން ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ސަބަކަކާހުރެ އެ ބޯހިޔާވަހިކަމެއް މި ސަރުކާރުން ނުދީފި ނަމަ، ދެން އަންނަ ޕީޕީއެމްގެ ސަރުކާރަކުން އެ މީހަކަށް ބޯހިޔާވަހިކަން ދިނުމަށެވެ.
ސިއްދީގުގެ އިސްލާހާއެކު ޝުޖާއުގެ ގަރާރު ފާސްވީ، ކައުންސިލް ބައްދަލުވުމަށް ވަޑައިގެންނެވި 47 މެމްބަރުންގެ އިއްތިފާގުންނެވެ.
ހިޔާ މަޝްއޫރުގެ ދަށުން ފްލެޓް ދޫކޮށްފައި ވަނީ ރައީސް ޔާމީން އިންތިހާބުން ބަލިވެ، އެމަނިކުފާނުގެ ދައުރުގެ ފަހު ދުވަސްތަކުގައެވެ.
އެ ގަރާރުގެ އިތުރުން މިރޭ ކައުންސިލް ބައްދަލުވުމުގައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ކޯލިޝަނުން އިތުރު ބަޔަކާ ކޯލިޝަން ހަދާނަމަ، ކޯލިޝަން ހެދުމުގެ އުސޫލުތަކެއް ބަޔާން ކުރާ ގަރާރެއްވެސް ފާސްކޮށްފައެވެ. އެގޮތުން އެ ގަރާރުގައި ކޯލިޝަން ހަދާ ފަރާތްތަކުގެ ޝަރުތަކެއް ވަނީ ބަޔާން ކޮށްފައެވެ. އެގޮތުން ރައީސް ޔާމީން މިނިވަން ކުރުމަށް ފާޅުގައި މަސައްކަތް ކުރުމާއި ސަރުކާރު ހިންގުމުގެ ބައިވެރިއަކަށް ނުވުމާއި ޕީޕިއެމް ސިޔާސަތުތައް ގަބޫލު ކުރާ ޕާޓީއަށްވުން ހިމެނެއެވެ. އޭގެ އިތުރުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މިދިޔަ ހޯމަ ދުވަހު ދެއްވި ރިޔާސީ ބަޔާނަށްވެސް ވަނީ ކައުންސިލް މެމްބަރުން ރައްދު ދީފައެވެ.