ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާކޮށް، ގޮންޖަހާލުމުގެ ފުރުސަތު ނުދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވެފައި މިވަނީ، ރޭ ހުޅުމާލޭގައި ހިނގި މާރާމާރީގެ ޒިންމާ ނަގާ މޫނު ނިވާކޮށްގެން ތިބި ބަޔަކު ވީޑިއޯއެއް މިރޭ އާންމު ކުރި ފަހުންނެވެ. އެ ވީޑިއޯގައި އެފަދަ އިތުރު ހަމަލާތައް ދޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

އިމްރާން ވިދާޅުވީ، ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާ އަދި ފަތުުރުވެރިންގެ މުދަލާ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށެވެ.

"ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާކޮށް، ގޮންޖަހާލުމުގެ ފުރުސަތު ﷲގެ ވާގިފުޅާއެކު އެއްވެސް ފުރާތަކަށް ނުދޭނަން،" އިމްރާން ވިދާޅުވިއެވެ.

ރޭ ހުޅުމާލޭގައި މާރާމާރީ ހިންގައި ތިން މީހަކު ވަނީ ޒަހަމްކޮށްފައެވެ. އެގޮތުން އެ މާރާމާރީގައި އަނިޔާވެފައިވަނީ ޗައިނާގެ ދެ ފިރިހެނަކާއި އޮސްޓްރޭލިއާގެ ފިރިހެނަކަށެވެ.

ފުލުހުން މިރޭ ބުނީ، އެ މާރާމާރީގެ ތަަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި މާރާމާރީއާ ގުޅިގެން އެކަމުގެ ޒިންމާ ނަގާ އާންމުކޮށްފައިވާ ވީޑިއޯގެ ސައްހަކަންވެސް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

އަލް މުސްތަގީމް ނަމުގައި އާންމުކޮށްފައިވާ އެ ވީޑިއޯ އިން ތިން މީހަކު ފެނެއެވެ. އަޑު ބަދަލުކޮށްފައިވާ އެ ވީޑިއޯ އިން ވާހަކަ ދައްކަނީ އެންމެ މީހެކެވެ. އޭނާ ވަނީ ދިވެހި އަދި އަރަބި ބަހުން ވާހަކަ ދައްކާފައެވެ. ހަނގުރާމަ ކުރުމާއި ޖިހާދު ކުރުމާ ގުޅޭގޮތުންވެސް އޭނާ ވަނީ ވާހަކަދައްކައި އިންޒާރުދީފައެވެ.

ފުލުހުން ރޭ ބުނި ގޮތުގައި، ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ ހެލްމެޓު އަޅައިގެން ސައިކަލެއްގައި ދިޔަ ދެމީހުންނެވެ. ޒަޚަމްވި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެއެވެ.