05 Feb 2020, 23:33
"އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ހާއްސަކުރުމުގެ އުސޫލު”މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު އާންމުކޮށްފިއެވެ.
މިހާރު ގެޒެޓްކޮށްފައިވާ އެ އުސޫލާ ގުޅޭގޮތުން ބްރޯޑްކޮމް އިން ބުނީ، އެ އުސޫލަކީ އިންތިހާބުތަކާބެހޭ އާންމު ގާނޫނު ގެ 30 ވަނަ މާއްދާގެ ދަށުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ޕްރޮގްރާމާއި އިސްތިހާރު ފޮނުވުމަށް ވަގުތު ދިނުމުގައި ބްރޯޑްކާސްޓަރުން އަމަލުކުރަންވީ ހަމަތައް ކަނޑައެޅުމާއި، އެ ހަމަތަކާ ޚިލާފުވާ ބްރޯޑްކާސްޓަރުންނާމެދު ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރުމާއި، ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބަލައި ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅުއެޅުމުގެ ހަމަތައް ބަޔާންކުރާ އުސޫލު ކަމަށެވެ.
އަލަށް އެކުލަވާލާ މި އުސޫލަށް އަމަލުކުރަން ފެށުމުން، 13 އޮގަސްޓް 2018 ގައި ގެޒެޓްކޮށްފައިވާ އިންތިހާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ހާއްސަކުރުމުގެ ހަމަތައް ބަޔާންކުރުމާއި އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލާއި، 25 ފެބްރުވަރީ 2019 ގައި ގެޒެޓްކޮށްފައިވާ ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލުގެ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ހާއްސަކުރުމުގެ ހަމަތައް ބަޔާންކުރުމާއި އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލު އުވޭނެ ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.
އުސޫލުގައިވާ ގޮތުން އިންތިޚާބުގައި ވާދަކުރާ ފަރާތްތަކަށް ތާއީދު ހޯދުމަށް ޓަކައި މެސެޖާއި ކޮންޓެންޓް ބްރޯޑްކާސްޓު ކުރުމަށްޓަކައި ބްރޯޑްކާސްޓަރުގެ އެއާޓައިމްގެ ތެރެއިން ދުރާލާ ކަނޑައެޅި އިއިލާނުކޮށްފައިވާ ވަގުތެއް ހާއްސަކުރަންވާނެއެވެ. އަދި އެ ވަގުތަކީ، އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް
ކެންޑިޑޭޓުންގެ ނަންތައް އިއުލާނުކުރާ ދުވަހުން ފެށިގެން ވޯޓުލާ ދުވަހުގެ ކުރީދުވަހުގެ
ހަވީރު 6:00 ގެ ނިޔަލަށް ހިނގާ މުއްދަތުގެ ތެރޭގައި ހާއްސަރާ ވަގުތަށް ވާންޖެހޭނެ ކަމަށެވެ.
އެގޮތުން އެ މުއްދަތުގެ ތެރޭގައި ފުރުސަތު ބޭނުންވާ ކޮންމެ ކެންޑިޑޭޓަކަށް 30 ސިކުންތުގެ ވަގުތެއް ދޭންވާނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި ހާއްސަކުރާ ވަގުތަށް، ކެންޑިޑޭޓުންގެ މެދުގައި ތަފާތުކުރުމެއްނެތި އަގެއް ނެގިދާނެ ކަމަށް އުސޫލުގައި ބުނެއެވެ. އެއްވެސް އަގެއް ނަގާނަމަ، ނަގާ އަގު ދުރާލައި ކަނޑައެޅި އިއުލާނު ކުރަންވާނެ ކަމަށްވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ބޯރޯޑްކޮމް އިން ބުނި ގޮތުގައި، މި އުސޫލު އެކުލަވާލުމަށްފަހު، އިލެކްޝަންސް ކޮމިޝަންގެ އިތުރުން ބްރޯޑްކާސްޓަރުންނާ ކޮމިޝަނުން ބައްދަލުކޮށް، މި އުސޫލާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ހޯދި ކަމަށެވެ.
އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ހާއްސަކުރުމުގެ އުސޫލު ބްރޯޑްކޮމް އިން އާންމު ކުރިއިރު، ކުރިއަށް އޮތީ ލޯކަލް ކައުންސިލް އިންތިހާބެވެ. އެ އިންތިހާބު އޮތީ އަންނަ އެޕްރީލް މަހުއެވެ.