05 Feb 2020, 22:20
ހުޅުމާލޭގައި ރޭ ހިނގި މާރާމާރީއާ ގުޅިގެން ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ޝޯޝަލް މީޑިއާގައި ލީކް ކޮށްފައިވާ އެ ވީޑިއޯގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު، ބުނަނީ އެމީހުން އެ ހަމަލާގެ ޒިންމާ ނަގާކަމަށެވެ.
ހުޅުމާލޭގައި ރޭ ހިނގި އެ މާރާމާރީގައި ތިން މީހަކު ވަނީ ޒަހަމްވެފައެވެ. އެގޮތުން އެ މާރާމާރީގައި އަނިޔާވެފައިވަނީ ޗައިނާގެ ދެ ފިރިހެނަކާއި އޮސްޓްރޭލިއާގެ ފިރިހެނަކަށެވެ.
ފުލުހުން މިރޭ ބުނީ، އެ މާރާމާރީގެ ތަަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި މާރާމާރީއާ ގުޅިގެން އެކަމުގެ ޒިންމާ ނަގާ އާންމުކޮށްފައިވާ ވީޑިއޯގެ ސައްހަކަންވެސް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.
އަލް މުސްތަގީމް ނަމުގައި އާންމުކޮށްފައިވާ އެ ވީޑިއޯ އިން ތިން މީހަކު ފެނެއެވެ. އަޑު ބަދަލުކޮށްފައިވާ އެ ވީޑިއޯ އިން ވާހަކަ ދައްކަނީ އެންމެ މީހެކެވެ. އޭނާ ވަނީ ދިވެހި އަދި އަރަބި ބަހުން ވާހަކަ ދައްކާފައެވެ. ހަނގުރާމަ ކުރުމާއި ޖިހާދު ކުރުމާ ގުޅޭގޮތުންވެސް އޭނާ ވަނީ ވާހަކަދައްކައި އިންޒާރުދީފައެވެ.
ފުލުހުން ރޭ ބުނި ގޮތުގައި، ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ ހެލްމެޓު އަޅައިގެން ސައިކަލެއްގައި ދިޔަ ދެމީހުންނެވެ. ޒަޚަމްވި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެއެވެ.