04 Dec 2011, 23:00
ސަރުކާރު ތެރޭގައި ހުރި ހިޔާނާތުގެ ކަންކަންމާބެހޭ ގޮތުން ލިބިފައިވާ ހުރިހާ މައުލޫމާތެއް ދިނުމަށް އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކަށް ރައީސް އޮފީހުން އަންގައިފި އެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުތައް ހިނގާކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުން ކަމަށްވާ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދާއި، ތިމަރަފުށީ ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާއާއި، އަދި ފުވައްމުލަކު ދާއިރާގެ މެންބަރު ޝިފާޤު މުފީދު ކުރައްވާ ތުހުމަތުތަކަކީ، ހަމައެކަނި ކުރެވޭ ތުހުމަތެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، އެއީ ސާބިތު ހިފިދާނެ ވާހަކައެއްތޯ ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭނުންފުޅުވެވަޑައިގަންނަވާތީ، މިކަން ބަޔާންކުރައްވައި އެތިން ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަޙްމަދު މަޢުޞޫމް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ.
އެ ސިޓީގައި އެދިފައި ވަނީ އެ ތިންބޭފުޅުން ސަރުކާރަށް ތުހުމަތު ކުރައްވާ ކަންކަމާ ގުޅޭގޮތުން ލިބިވަޑައިގެންފައިވާ ހުރިހާ މަޢުލޫމާތުތަކާއި، ހެކިތަކާއި، ޤަރީނާތައް، ތަފްޞީލާއެކު ވެވަޑައިގެންނެވި އެންމެ އަވަހަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިދެއްވުމަށެވެ.