ލ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުމުގެ ކަންކަން ހާމަ ކުރުމަށް ނެރުނު ނޫސް ބަޔާނުގައި ބުނީ، އިސް މެޖިސްޓްރޭޓާ ގުޅޭ ގޮތުން އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ލިޔެކުޔުންތައް ދިރާސާ ކުރި އިރު، އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އޭނާގެ ސުލޫކަށް އަސަރު ކުރާނެ ކަމަށް ކޮމިޝަނަށް ފާހަގަވެފައިވާ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުންޏެވެ.

އެއާއެކު ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ)ގެ ދަށުން އަލީ ޝަރީފުގެ ސުލޫކީ މައްސަލައެއް ބެލުމަށް މިއަދު ކޮމިޝަނުން ނިންމާފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގައި ބުނަނީ، ފަނޑިޔާރެއްގެ ޝަކުވާއެއް ކޮމިޝަނަށް ހުށަނޭޅިކަމުގައިވިޔަސް، ވަކި ފަނޑިޔާރެއްގެ ސުލޫކާ ބެހޭގޮތުން ސުވާލު އުފެދޭ ފަދަ ސަބަބުތަކެއް ހުރިކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭނަމަ، އެފަދަ ފަނޑިޔާރެއްގެ މައްސަލަ ތަހުގީގު ކުރުމުގެ އިހްތިޔާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.