05 Feb 2020, 15:59
ވޮޝިންޓަން (5 ޖަނަވަރީ 2020) : އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ސިއްރިޔާތުގައި ބައްދަލުކުރެއްވި ކަމަށް ސޫދާނުގެ އިންތިގާލީ ސަރުކާރުގެ ރައީސް އަބްދުލްފައްތާޙް އަލްބުރްހާން އިއްތިރާފްވެ ވަޑައިގެންފި އެވެ.
މި ސިއްރު ބައްދަލުވުން ބޭއްވިކަން އިސްރާއީލު ސަރުކާރުން ހާމަކުރުމާ ގުޅިގެން ސޫދާނުގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދި ސޫދާންގެ އެތެރޭގައި އިހްތިޖާޖްކޮށް ރައީސް ބުރްހާނަށް ފާޑުކިޔަމުން ގެންދާއިރު އިންތިގާލީ ސަރުކާރަށް ވާގިވެރިވާ ސޫދާންގެ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތަކުންވެސްވަނީ ބުރްހާނުގެ މިއަމަލަކީ ޚިޔާނާތުގެ އަމަލެއްކަމަށް ސިފަކޮށްފަ އެވެ. ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ގަތްލުއާންމުތަކާއި އަނިޔާވެރި ޖަރީމާތައް ހިންގަމުން ގެންދާ އިސްރާއީލު މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ވެސް ވެރިވެގެންފައިވާތީ އަރަބިންނާ އަދި އަރަބި ނޫން މުސްލިމުން ވެސް އިސްރާއީލާމެދު ދެކެނީ އެއީ މުސްލިމުންގެ އެންމެ ބޮޑު ދުޝްމަންގެ ގޮތުގައެވެ. މިގޮތުން އިސްރާއީލުގެ މަސްއޫލުވެރިންނާ ބައްދަލުކުރުމަކީ ޚިޔާނާތުގެ އަމަލެއްކަމަށް އަރަބި އިސްލާމީ ގައުމުތަކުގެ އާންމުން ދެކެއެވެ.
ނަތަންޔާހޫ އާ ސިއްރިޔާތުގައި ބައްދަލުކުރެއްވީ އެކަމުގެ ސަބަބުން ސޫދާނުގެ ގައުމީ މަސްލަހަތަށް ފައިދާވާނެތީ ކަމަށް ވިދާޅުވެ ރައީސް ބުރްހާންވަނީ އޭނާގެ އަމަލު ދިފާއުކުރައްވާފަ އެވެ. ނަމަވެސް ސޫދާނުގެ އިންތިގާލީ ސަރުކާރުން ވެސް ވަނީ އެކަން ބަލައިނުގަންނާނެ ކަމަށް ބުނެފަ އެވެ. ސޫދާނުގެ ޚާރިޖީ ވަޒީރާ އަސްމާ މުހައްމަދު އަބްދުﷲ ވަނީ ރައީސް ބުރްހާން ނަތަންޔަހޫ އާ ސިއްރިޔާތުގައި ބައްދަލުކުރެއްވިކަން އެނގިވަޑައިގަތީ މިޑިއާއިން ކަމާ އެކަމާމެދު ހިތާމަކުރައްވާކަމަށް ވިދާޅުވެފަ އެވެ.
ސޫދާނުގެ އިންތިގާލީ ސަރުކާރުގެ ބޮޑުވަޒީރު ޑރ. އަބްދުﷲ ހަމްދޫކް ވިދާޅުވީ އެބައްދަލުވުމާ ބެހޭ މައުލޫމާތު ލިބިފައިނުވާކަމަށާއި އެއީ ސަރުކާރުގެ ބައިވެރިވުމެއްނެތި ރައީސް އަމިއްލަ ފުޅަށް ކުރެއްވި ކަމެއްކަމުގަ އެވެ. މި މައްސަލާގައި ސޫދާނުގެ ރައީސް އޭނާގެ ގައުމުގައި "ހޫނުފެނަށް" ވެއްޓިފައިވާއިރު ނަތަންޔާހޫ އާއި އޭނާ ބައްދަލުކުރުމުގެ އިންތިޒާމުތައް ހަމަޖެއްސީ ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ ޔޫއޭއީ އިސްކޮށް އޮވެގެން މިސްރާއީ ސައޫދީ އަރަބިޔާ ވެސް ހިމެނޭގޮތަށް ރައީސް ބުރްހާނާ ވިލަރެސްކޮށްގެން ކަމަށް އިސްރާއީލުގެ ނޫހެއްކަމަށްވާ "ޖެރޫސަލަމްޕޯސްޓް" އާއި އެމެރިކާގެ "ވޮޝިންޓަން ފޯސްޓް" ބުނެއެވެ. ސޫދާނުގެ ވަގުތީ ރައީސް އަބްދުލްފައްތާހް އަލްބުރްހާން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔަހޫ އާ ބައްދަލުވީ އެފްރިކާގެ ގައުމެއްކަމަށްވާ ޔުގަންޑާގައެވެ.
އެ ބައްދަލުވުން ބޭއްވުމަށްފަހު އެކަން ބޭޒާރުކޮށްލީ ވެސް އިސްރާއީލުގެ ސަރުކާރުންނެވެ. ނަތަންޔާހޫ އާ ސިއްރިޔާތުގައި ބައްދަލުކުރެއްވީ ސޫދާނުގެ ގައުމީ މަސްލަހަތަށް ޓަކައި ކަމަށް ރައީސް ބުރްހާން ވިދާޅުވެފައިވާއިރު ސޫދާނާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އެމެރިކާ ގެންގުޅޭ ލިސްޓުން ސޫދާނުގެ ނަން އުނިކުރާނީ ބުރްހާން ނަތަންޔަހޫ އާ ބައްދަލުކޮށް ސޫދާނުން އިސްރާއީލަށް އިއްތިރާފްވުމުން ކަމަށް ޔޫއޭއީ މެދުވެރިކޮށް އެމެރިކާއިން ބުރްހާނަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މިފަހަކަށް އައިސް ސައޫދީ އާއި ޔޫއޭއީ ގެންދަނީ އެދެގައުމުން ކުރިން ގެންގުޅުނު ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނަސް ފަރުދާގެ އަނެއް ފަރާތުން އިސްރާއީލާ ގާތްވުމުގެ ސިޔާސަތެއް ގެންގުޅެން ފަށާފައެވެ. މީގެ ދެ ހަފްތާކުރިން އިސްރާއީލުންވަނީ އެގައުމުގެ ރައްޔިތުން ސައޫދީ އަށް ދަތުރުކުރުމުގެ ހުއްދަވެސް ދީފަ އެވެ. އަދި އިސްރާއީލުގެ އެތައް މަސްއޫލުވެރިންނެއް ފާޅުގައި ޔޫއޭއީ އަށް ޒިޔާރަތް ކުރައްވާފައިވެ އެވެ. އަދި ސައޫދީ ސަރުކާރާ ގާތްގުޅުންތަކެއް އޮންނަ ސައޫދީ ކުރީގެ ބައެއް މަސްއޫލުވެރިން ވެސް ސިއްރިޔާތުގައި އިސްރާއީލަށް އެތައް ފަހަރަކު ޒިޔާރަތް ކުރައްވާފައިވާ ކަމުގެ ޚަބަރުތައް ފާއިތުވި ތިން އަހަރު ތެރޭގައި ވަރަށް ބޮޑަށް ފެތުރިފައިވެ އެވެ.
ޔޫއޭއީ، ސައޫދީ އަދި ބަހްރައިން ވަނީ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތަކީވެސް ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ވެސް ސިފަކޮށްފަ އެވެ. އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ފަލަސްތީނުގެ ޖަމާއަތްތައް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި މީގެކުރިން ސިފަކުރަނީ އިސްރާއީލާއި އެމެރިކާ އެކަންޏެވެ.
އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކޮށް ގުދްސަކީ އިސްރާއީލުގެ ތަނެއްކަމަށް 2018 ވަނަ އަހަރު އެމެރިކާއިން އިއްތިރާފްވުމުން ވެސް އިސްލާމީ އެހެން ގައުމުތަކާ ޚިލާފަށް ޔޫއޭއީ، ސައޫދީ އަދި ބަހްރައިން އެކަމާ މާބޮޑަށް އަޅާލާފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)