ދިވެހިރާއްޖެ އާއި ނެޕާލް ކުޅުނު މެޗްގައި ދިވެހިންގެ ކުޅުމުގެ ފެންވަރު ދައްކާ ނުލެވުމުގެ ހިތާމަ އާއި ގްރޫޕްގެ ދެވަނަ މެޗްގައި ފުރަތަމަ ކުޅުނު ނޭޕާލް އާއި ބަންގްލަދޭޝްގެ މެޗުގެ 88 ވަނަ މިނެޓްގައި ސާގަރް ތާޕާ ބަންގާޅު ގޯލަށް އޮއްސާލި ބޯޅައާއެކު މިގްރޫޕުން ބަޔަކު މޮޅުވުމުގެ އިޢުލާން ކުރުމުގެ ފިކުރުގައި ތިބި ދިވެހިރާއްޖޭގެ ޓީމް މިއަދު ބައްދަލުކުރީ، މުބާރާތުގެ ފުރަތަމަ މެޗްގައި ބަންގްލަދޭޝް އާއެކު ކުޅެ ގޯލެއް ނުޖެހި އެއްވަރުވުމުގެ ޝަކުވާގައި ތިބި ޕާކިސްތާނާއެވެ.

http://sun.mv/albums/l_2642.jpg
ވޭތުވެދިޔަ މެޗްތަކާއި ޚިލާފަށް ދެ ޓީމުންވެސް މިމެޗަށް ނުކުތްއިރު ޓީމުގެ ކުޅުމަށް ބަދަލުތަކެއް ގެނައެވެ. ރާއްޖޭގެ ޓީމަށް ލިބިފައިވާ ހަލުވި ހަމަލާވެރިންގެ ސަބަބުން ޓީމުގެ ހަމައެކަނި ކުޅުމަކީ ހަމަލާ ދިނުން ކަމަށް ދެކިގެން މިމެޗުގެ ފުރަތަމަ 11 ގައި އަދްޙަމްގެ ބަދަލުގައި 2008 ވަނަ އަހަރުގެ ތަރިއެއް ކަމުގައިވާ ހަލުވި ވާތުވިންގް ކުޅުންތެރިޔާ އިސްމާޢީލް މުޙައްމަދު ވަނީ ހިމަނާފައެވެ. ދިވެހި ޓީމަށް އިތުރު ބަދަލެއް ޓީމުގެ އެތުރުމަށާއި ފުރަތަމަ 11 އަށް ގެނެސްފައެއް ނެތެވެ.

ނަމަވެސް ޕާކިސްތާނުގެ ޓީމުން މިމެޗަށް މުޅިޓީމުގެ އެތުރުމާއި ބައެއް ކުޅުންތެރިން ވަނީ ބަދަލުކޮށްފަ އެވެ. މިގޮތުން ބަންގާޅާއެކު ކުޅުނު މެޗްގައި ސެންޓްރަލް ދިފާޢަށް ކުޅުނު ކުޅުންތެރިޔާގެ ބަދަލުގައި މިމެޗަށް ނެރެފައިވަނީ ޖާޒީ ނަމްބަރު 16 ހަސްލައިން އައްބާސް އެވެ. މީނާ ބަހައްޓާފައި ހުރީ ޓީމުގެ ވާތްފަރާތު ބެކުގައެވެ. ފުރަތަމަ މެޗްގައި ވާތްފަރާތުން ވަރުގަދަ ހަމަލާ ތަކެއް އުފައްދަމުންދިޔަ ފުލްބެކް ޖާޒީ ނަމްބަރު ހަތަރެއް ކަމްރާން ބަހައްޓާފައިވަނީ ޓީމުގެ ސެންޓްރަލް ދިފާޢުގަ އެވެ.

ޕާކިސްތާނުން އެންމެ އަޖާއިބު ކުރެވޭ ބަދަލަކަށް ފެނުނީ ފުރަތަމަ މެޗްގައި ޓީމުގެ ކަނާތްފަރާތުން ވަރަށް ގިނަ ހުރަސްތަކެއް ނަގާ ނުރައްކާކުރި ހަލުވި ވިންގް ކުޅުންތެރިޔާ ޖާޒީ ނަމްބަރު 20 ސައްދާމް ހުސައިން ރާއްޖޭގެ އަލީ އަޝްފާޤް ދަގަނޑޭ ކައިރީ އަޅުވާފައި ދިފާޢުކުރުމަށް ބަހައްޓާފައި ހުރުމެވެ. މެޗް ފެށުމާއި އެކު ފުރަތަމަ ހައެއްކަ މިނެޓްގައި ޕާކިސްތާން އިން ބޯޅަ ހިފަހައްޓައިގެން ދިވެހިންނަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުން ދިޔައެވެ. މިމަސައްކަތުގައި އެންމެ މުހިންމު ބައެއް އަދާކުރީ ޓީމުގެ މިޑްފީލްޑް ޖާޒީ ނަމްބަރު 8 އަދްނާން އާއި މިމެޗަށް އަލަށް ކުޅެން ނުކުތް ހަސްލައިން އައްބާސް ގުޅިގެން ދިވެހިންގެ ވާތްފަރާތުންނެވެ.

މެޗްގެ 10 ވަރަކަށް މިނެޓް ހޭދަވުމަށް ފަހު ދިވެހިންނަށް ފުރިހަމަ ޕާސްތަކަކާއެކު ވަރަށް ރަނގަޅަށް ކުޅުމުގެ ތެރެއަށް ވަދެވުނެވެ. އަދި ނަތީޖާއަކީ ދޭތެރެ ދުރުކޮށް ނަމަވެސް ޕާކިސްތާންގެ ގޯލަށް ހަމަލާ ދިނުމަށް ފުރުސަތު ތަނަވަސް ވަމުން ދިޔަކަމެވެ. މިގޮތުން ޕާކިސްތާންގެ ޕެނަލްޓީ އޭރިޔާގެ ކަނާތު އަރިމަތިން ލިބުނު ހިލޭޖެހުމެއް ދިވެހި ކަނާތު ބެކު އުމެއިރު ވަރަށް މޮޅަށް ގޯލް ކުރިމައްޗަށް ހުރަސް ކޮށްލުމުން ތޯރިޤްއަށް ބޮލުން ކޮށްޓާލެވުނީ ގޯލުން ބޭރަށެވެ. މިހާތަނުން މުޅިގޭމްގެ މައިގަނޑު ވަގުތުތަކުގައި ދިވެހިންގެ ޓީމުތެރޭ ޕާސްކޮށް ބޯޅަހިފަހައްޓައިގެން ކުޅެން ފެށުމުން ޓީމުގެ ކުޅުންތެރިންގެ ކިބައިގާ އިތުބާރު އަށަގަނެފިކަމަށް ޤަބޫލު ކުރެވުނެވެ. ނަމަވެސް ދޭތެރެ ދޭތެރެ އިން ޕާކިސްތާން އިން ދިގު ޕާސްތަކުގެ ޒަރީޢާއިން ދިވެހި ގޯލަށް ހަމަލާދިނުމަށް މަސައްކަތް ކުރިއެވެ.

މިގޮތުން ފުރަތަމަ ހާފްގެ 30 ވަނަ މިނެޓްގައި ޕެނަލްޓީ އޭރިޔާގެ އަރިމަތިން ލިބުނު ހިލޭޖެހުމެއް ޕާކިސްތާންގެ އަދްނާން ދިވެހި ގޯލް ކުރިމައްޗަށް ހުރަސްކުރުމުން ޙާލިމް ޙާންއަށް ޖެހުނީ ގޯލްގެ މަތިން ބޭރަށެވެ. ފުރަތަމަ ހާފްގައި ދިވެހިން ފުރިހަމަ އިތުބާރާއި އެކު ކުޅެމުން ދިޔައިރު ބައެއް ޙާލަތްތަކުގައި ކަނާތު ބެކަށް ކުޅުނު އުމެއިރު މިޑްފީލްޑް ތެރެއަށް ވަދެ ހަމަލާތައް އުފައްދަމުން ދިޔައެވެ. އަދި ސެންޓްރަލް ޑިފެންސަށް ކުޅުނު ކުރީގެ ޤައުމީ ކެޕްޓަން އައްސަދު އަބްދުލްޤަނީ ކަނާތްފަރާތު އަރިމަތިން މެދުރޮނގަށް ވުރެ ކުރިއަރާ ހަމަލާދިނުމުގައި އެހީތެރިކަން ފޯރު ކޮށްދެމުންގެންދިޔައެވެ.

މިފަދަ ގޮތަކަށް ދޫދެވިގެން ދިވެހި ދިފާޢީ ކުޅުންތެރިންނަށް ކުޅެވެންފެށީ ޕާކިސްތާނުން ރާއްޖޭގެ އޭރިޔާ ތެރޭގައި ދިވެހިން ގެންގުޅޭ ބޯޅަތައް އަތުލުމަށް މާބޮޑު މަސައްކަތެއް ނުކޮށް، ދިވެހިންގެ އަތުގައި ބޯޅަ ޖެހޭ ކޮންމެ ފަހަރަކު އެޓީމުގެ ހާފްތެރެއަށް ފަހަތަށް ޖެހިލަމުންނެވެ. އަދި މިހާފްގައި ރާއްޖޭގެ އަލިގަދަ ތަރި އަލީ އަޝްފާޤްއަށް މާބޮޑު ކަމެއް ނުކުރެވުނީ އޭނާ ބަލަހައްޓަން ހުރި ސައްދާމް ހުސައިންގެ ހުޝިޔާރު ކަމުންނާއި އޭނާ ކުރަމުންދިޔަ ފައުލްތަކުގެ ސަބަބުންނެވެ. ހާފުގައި ލިބުނު އެންމެ ހުސް ފުރުސަތު ލިބުނީ ރާއްޖެއަށެވެ. މިގޮތުން ޓީމްތެރޭގައި ހިފަހައްޓަމުން ދިޔަ ބޯޅައެއް ވާތްފަރާތުން ހުރަސް ނެގޭފަދަ ހާލަތެއްގައި ހުރި އިސްމާޢީލް މުޙައްމަދަށް މެޗްގެ 42 ވަނަ މިނެޓްގައި ލިބުމުން އޭނާ ވަރަށް ބަލާލާފައި ގޯލާއި ހަ ޔާޑް ދުރުމިނުގައި މުޅިން ހުސްކޮށްހުރި ތޯރިޤްއަށް ތިރިތިރިން ޕާސްކޮށްލިއެވެ. ނަމަވެސް ތޯރިޤްގެ ފަޔަށް ރަނގަޅަށް އެބޯޅަ ނޭރުމުން ޕާކިސްތާންގެ ކީޕަރު ޑައިވްކޮށް މަތަކުރިއެވެ.

ދެވަނަ ހާފްގެ ކުޅުން ފެށުނީ ރާއްޖެއިން ގެނައި ބަދަލަކާއި އެކުގައެވެ. މެޗްގެ ފުރަތަމަ ހާފްގައި މާގިނަ ބޯޅަތަކެއް ނުލިބި ހުންނަންޖެހުނު ކަނާތުބެކް ޝާފިޢުގެ ބަދަލުގައި ފަރުޙާދު ކުޅެން ނެރުނެވެ. ފަރުޙާދުގެ މިބަދަލާއި އެކު އޭނާ މުޅިން ހުސްކޮށް ކަހަލަ ގޮތަކަށް ދަނޑުގެ ވާތްފަރާތް ކޮންޓްރޯލް ކުރަމުންދިޔައެވެ. އަދި ޕަކިސްތާންގެ ގޯލް ކުރިމައްޗަށް ފުލުފުލުގައި ހުރަސް ނަގަމުން ދިޔައެވެ. މިކަން އިސްލާޙުކުރުމަށް ޕާކިސްތާންއިން ވިސްނުންތެރިކަމާއެކު ގެނައި ބަދަލަކީ ސެންޓަ ފޯވަޑުގައި ކުޅެމުންދިޔަ ނަމްބަރު 11 ޖަދީދް ޚާންގެ ބަދަލުގައި ކަނާތު ވިންގް ބެކަށް ކުޅޭ ޖާރޒީ ނަމްބަރު ހަތެއް، ޝާކިރު އެރުވުމެވެ. މިބަދަލުގެ ސަބަބުން ކުރިން މުޅިން ހުސްކޮށް އަރިމަތިން ހުރަސް ނަގަމުންދިޔަ ފަރުޙާދަށް މީނާ ބެލެހެއްޓުމުގައި މަޝްޢޫލްވާންޖެހުނެވެ. ކުޑައިރުކޮޅަށްފަހު ޖާރޒީ ނަމްބަރު ހައެއް، އާތިފް ބަޝީރުގެ ބަދަލުގައި އަންޞާރު އައްބާސް ކުޅެން ނެރުނެވެ. މިބަދަލާއި އެކު މެޗްގެ ކުޅުން ދެފަރާތަށް ހަމަހަމަ ވެގެން ދިޔަހެން ހީވިއެވެ. ޝާކިރު އާއި އަންޞާރު ގުޅިގެން 73 ވަނަ މިނެޓްގައި ރާއްޖޭގެ ގޯލަށް ވިދިވިދިގެން ނުރައްކާ ދެ ހަމަލާ ފޮނުވާލިއެވެ.

މެޗުގެ 82 ވަނަ މިނެޓްގައި އިސްމާޢީލް މުޙައްމަދުގެ ބަދަލުގައި ނިޔާޒް ބޮކުރީ ކުޅެން ނުކުމެ އަރިމަތީން އަވަސް ކުޅުންތަކެއް ކުޅެންފެށުމުން ކުޅިފަސް ދިވެހިންނަށް ލިބެން ފެށިއެވެ. އަދި މިގޮތުން 88 ވަނަ މިނެޓްގައި ތޯރިޤް ރާވާލި ފުރިހަމަ ހަމަލާއެއްގައި އަޝްފާޤަށް ގޯލާއި ހަ ޔާރޑް ދުރުން ގޯލްޖެހުމުގެ ފުރުސަތެއް ލިބި ބޭރަށް ޖެހިއެވެ. އަދި ދިވެހިންގެ ހަމަލާތައް ވަރުގަދަ ކޮށް ޕަކިސްތާނުން ލަސްކުރުމުގެ ޑްރާމަތައް ކުޅެމުން ދިޔައިރު މެޗްގެ ނަތީޖާ އެއްވަރުވީ ކަންޔަޤީން ކުރެވުނީ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓްގައި ކަނާތު ވިންގުން ނިޔާޒް ބޮކުރީ ގޯލް ކުރިމައްޗަށް ވަރަށް މޮޅަށް ހުރަސްކޮށްދިން ބޯޅަ ޕާކިސްތާންގެ ގޯލްކީޕަރ ހުޝިޔާރުކަމާއެކު ހިފުމުންނެވެ. މިނަތީޖާއަށް ފަހު މިގްރޫޕްގައި ރާއްޖެ ކުޅުނު ދެ މެޗުންވެސް އެއްވަރުވެ ނޭޕާލަށް ލިބުނު މޮޅާއި އެކު އެޓީމް ޕޮއިންޓް ތާވަލްގެ އެއް ވަނައަށް ޖެހިލީއެވެ. އަދި ލަނޑުގެ ތަފާތުން ދިވެހިރާއްޖެ އޮތީ ދެ ވަނާގައެވެ. މިގްރޫޕްގައި ދެ މެޗް ކުޅެ ހުރިހާ ޓީމްތަކުން ނިންމިއިރު ގްރޫޕްގައި ހިމެނޭ ހުރިހާ ޓީމަކަށް ވެސް ފުރުސަތު ހުޅުވިފައި ވެއެވެ.

http://sun.mv/albums/l_2631.jpg
ދިވެހިރާއްޖޭގެ ޓީމް: އިމްރާން މުޙައްމަދު (ގޯލް ކީޕަރ) ޝާފިޢު – ފަރުހާދު (ވާތު ބެކް)، އަކްރަމް ސެންޓްރަލް ބެކް، އައްސަދު ސެންޓްރަލް ބެކް، އުމެއިރު (ވާތު ބެކް)، ބަކާ ސެންޓްރަލް މިޑްފީލްޑް، ބޮންޑާ (ހަމަލާދޭ މިޑްފީލްޑް) އޮއްޕޮ (ހަމަލާދޭ މިޑްފީލްޑް) އިސްމާޢީލް މުޙައްމަދު (ވާތު ވިންގް) އަލީ އަޝްފާޤް (ފްރީ ފޯވާރޑް) އަދި ތޯރިޤް ޓޮމް (ސެންޓަރ ފޯވާރޑް)

ޕާކިސްތާން ޓީމް: ޖަފަރު ޙާން (ގޯލް ކީޕަރ)، 5 ސަމަރު (ވާތު ބެކް)، 20 ސައްދާމް ހުސައިން (އަޝްފާޤް މާރކްކުރުން)، 3 މުޙައްމަދު (ސެންޓްރަލް ޑިފެންސް)، 4 ކަމަރަން (ސެންޓްރަލް ޑިފެންސް)، 16 ހަސްލައިން އައްބާސް (ވާތު ބެކް) ، 9 ރިޒްވާން (ސެންޓަރ މިޑްފީލްޑް ވާތް ފަރާތް)، 8 އަދްނާން (ސެންޓަރ މިޑްފީލްޑް)، 6 އާތިފް ބަޝީރު (ހަމަލާދޭ މިޑްފީލްޑް)، 10 ކަލިމް ޙާން (ސެންޓަރ ފޯވާރޑް) އަދި 11 ޖަދިދް ޙާން (ފޯވާރޑް)