05 Feb 2020, 14:58
މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ފެތުރޭ ގައުމުތަކުން ޖަނަވާރު އެތެރެކުރުން ވަގުތީ ގޮތުން މަނާކޮށްފި އެެވެ.
ޗައިނާގެ ހުބޭ ޕްރޮވިންސްގެ ވެރިރަށް ވުހާންއިން ޑިސެމްބަރު 2019 ގައި ފެތުރެންފެށި ނޮވެލް ކޮރޯނާ ވައިރަސް ނުވަތަ "ވުހާން ވައިރަސް"ގެ އަސްލަކީ ޖަނަވާރު ކަމުގައި ދުނިޔޭގެ ޖަނަވާރުގެ ސިއްހަތާބެހޭ ޖަމިއްޔާ ނުވަތަ އޯއައީ އަދި ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމްއިއްޔާ ޑަބްލިއުއެޗްއިން ވަނީ ބުނެފަ އެެވެ. އަދި އެވައިރަހަކީ ޒޫނޮޓިކް ވައިރަހެއްކަން މިހާރު ވަނީ ކަށަވަރުވެފަ އެެވެ.
އެކަމާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ޖަނަވާރު އެތެރެކުރުމަށް ވަގުތީ ގޮތުން މެދުކަނޑާލީ ކޮރޯނާ އަދި ދޫނި ރޯގާއިން ރައްކާތެރިވުމަށް ވެޓެރިނަރީ ސެކްޓަރއިން ދުރާލާ އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކަމަށެވެެ.
"އަދި ހުއްދަދޭން ފަށާނެ ތާރީޚެއް ފަހުން އިޢުލާންކުރާނެ ވާހަކަ ވެސް ދެންނެވީމެވެ. މިދުވަސްވަރު ގިނަ ޤައުމުތަކުގައި ދޫނިރޯގާ ވެސް ފެތުރެމުންދިއުމާ އެކު ރޯގާ އުޅޭ ޤައުމުތަކުން ދިރޭ ޖަނަވާރު އެތެރެކުރުމަކީ ރާއްޖެއަށް ވައިރަސް އެތެރެވުމުގެ ފުރުޞަތު އޮތްކަމެއްކަމަށް ބެލެވެ އެވެ." ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ޗައިނާއިން ފެތުރެންފެށި ބަލި ބާރުދުވެއްޔެއްގައި ފެތުރި، ރޯގާޖެހިފައިވާ މީހުންގެ ޢަދަދު އިތުރުވަމުން ގޮސް ޗައިނާގެ އިތުރުން އޭޝިޔާއާއި ވިލާތާއި އެމެރިކާ ބައްރުގެ އެތައް ޤައުމަކަށާއި އޮސްޓްރޭލިޔާއަށް މިހާރު މިވައިރަސް ފެތުރި، ރޯގާޖެހިފައިވާ މީހުން ފެންނަ އަދަދު މިހާރު ދަނީ އިތުރުވަމުންނެވެ.
ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ދިރޭ ނުވަތަ މަރުވެފައިވާ ޖަނަވާރާއި، ރަނގަޅަށް ރޯނުފިލުވާ ހުންނަ މަސް ފަދަ ޖަނަވާރުގެ އުފެއްދުންތަކާ ގައިގޯޅިނުވުމަށާއި، ޖަނަވާރު ވިއްކާ ތަންތަނަށް ނުދިއުމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން ލަފާދީފައިވެ އެވެ.