ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި ދެކުނު އެފްރިކާގެ ތަޖުރިބާކާރު ނޫސްވެރިންގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.

މިއީ އެމްއެމްޕީއާރުސީން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި މިއަހަރު ކުރިއަށްގެންދާ ސިލްސިލާ ފެމިލިއަރައިޒޭޝަން ދަތުރުތަކުގެ ތެރެއިން ފުރަތަމަ ދަތުރެެވެ.

އެމްއެމްޕީއާރުސީން ބުނީ ރާއްޖެއަށް އައި ދެކުނު އެފްރިކާގެ ޓީމުގައި ހިމެނޭ ނޫސްވެރިންނަކީ ސެއިލް އެންޑް ލެއިޝާ، ވައިލްޑްސައިޑް، ގެޓަވޭ، ކޮސްމޯޕޮލިޓަން އަދި ޚުލުމާ މަޖައްލާއަށް ޓްރެވަލް އެންޑް ލައިފްސްޓައިލް ކެޓަގަރީގެ ލިޔުންތައް ލިޔާ ނޫސްވެރިން ކަމަށެވެ.

ރާއްޖެ އިޝްތިހާރު ކުރަން ގެނައި ދެކުނު އެފްރިކާގެ ނޫސްވެރިން-- ފޮޓޯ/އެމްއެމްޕީއާރުސީ

މި ޓީމު ރާއްޖޭގައި ހޭދަކުރާ ހަ ދުވަހުގެ ދަތުރުގައި ތިބޭނީ މިރިހި އައިލެންޑް ރިސޯޓު، އަދާރަން ކްލަބް ރަންނާޅި އަދި އަދާރަން ސެލެކްޓް މީދުއްޕަރުގައެވެ.

މި ތިން ރިސޯޓުން ލިބެން ހުންނަ ހިދުމަތްތަކާއި ރެސްޓޯރެންޓްތަކުން ލިބެން ހުންނަ ތަފާތު ކާތަކެތި ތަޖުރިބާކުރުމުގެ އިތުރުން، ޑޮލްފިން ކްރޫޒް ފަދަ ފަތުރުވެރިންނަށް ހާއްސަ ހަރަކާތްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު އެ ޓީމަށް ލިބިގެންދާނެއެވެ.

މިކަންކަން ތަޖުރިބާ ކުރުމަށްފަހު ނޫސްވެރިންގެ ޓީމުން މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އެކަންކަމާ ގުޅޭ ލިޔުންތައް ޝާއިއުކުރާނެއެވެ.

ދެކުނު އެފްރިކާއިން މިދިޔަ އަހަރު ރާއްޖެއަށް 9،545 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ 2018 ވަނަ އަހަރު އެގައުމުން އައި ފަތުރުވެރިންގެ އަދަދަށްވުރެ 23.1 ޕަސެންޓު އިތުރު އަދަދެކެވެ.

މިއަހަރު ދެކުނު އެފްރިކާގެ މާކެޓަށް ހާއްސަކޮށްގެން އެމްއެމްޕީއާރުސީން އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ. އެގޮތުން މިއަހަރުގެ އޭޕްރީލް މަހު އޮންނަ ޑަބްލިއުޓީއެމް އެފްރިކާގައި ވެސް ރާއްޖެ އިޝްތިހާރު ކުރުމަށް ވަނީ ރާވާފަ އެވެ.