05 Feb 2020, 12:58
ޖެންޑާ މިނިސްޓަރު، ޝިދާތާ ޝަރީފް މަގާމުގައި ބަހައްޓަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ އިއްތިފާގުން ނިންމައިފި އެވެ.
އެމްޑީޕީގެ ޕާލިމްންޓްރީ ގުރޫޕުން އެގޮތަށް ނިންމީ މިއަދު ބޭއްވި އެ ގުރޫޕުގެ ބައްދަލުވުމެއްގަ އެވެ. އެމްޑީޕީއިން ބުނީ މިއަދު ޕީޖީ ބައްދަލުވުމުގައި ބައިވެރިވި 45 މެމްބަރުންގެ އިއްތިފާގުން ޝިދާތާ މަގާމުން ވަކިކުރަން ފާސްކޮށްފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ އަހުމަދު ހިޝާންއަށް އެ ތުހުމަތުތައް ކުރެވޭއިރު އެމްބެސަޑަރުކަން ދިން މައްސަލާގައި އިހުމާލުވާ ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެވެ.
އެމައްސަލައިގެ ބަހުސް މަރުހަލާގައި އެމްޑީޕީ މެމްބަރުން ގޮވާލީ މިނިސްޓަރު ޝިދާތާ މަގާމުން އިސްތިއުފާ ދެއްވުމަށެވެ. އަދި އިސްތިއުފާ ނުދެއްވައިފި ނަމަ މަގާމުން ވަކި ކުރާނެ ކަމަށްވެސް މެމްބަރުން މިއަދު މަޖިލީހުގައި ވަނީ ފާހަގަކޮށްފަ އެވެ.
ކުއްލި މައްސަލަ ހުށަހެޅުއްވި މެމްބަރު މީކާއީލް ވިދާޅުވީ ޖެންޑާ މިނިސްޓްރީން މި މައްސަލައިގައި އިހުމާލުވެފައިވަނީ ސީދާ ޖެންޑާ މިނިސްޓަރު ޝިދާތާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ އިހުމާލު މިހާ ހިސާބަށް ދިއުމުން، އެކަމުގައި ޒިންމާ ނަގަން ޖެހޭނީ ޖެންޑާ މިނިސްޓްރީގެ ރިސެޕްޝަނިސްޓު ނޫން ކަމަށާއި އެކަމުގެ ޒިންމާ ނަގަންޖެހޭނީ އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެހުންނެވި މިނިސްޓަރު ކަމަށެވެ.
"މިއަދު އަޅުގަނޑު މި ފުރުސަތުގައި ގޮވާލަން ދުނިޔޭގެ ލަދަށްޓަކައި ނަމަވެސް މިނިސްޓަރު ޝިދާތާ އިސްތިއުފާ ދެއްވަން އެބަ ޖެހޭ. އިސްތިއުފާ ނުދެއްވައިފިނަމަ، އަޅުގަނޑު އިހުލާސްތެރިކަމާއެކު މި އިލްތިމާސް ކުރަނީ ސަރުކާރުން ވެސް ޖެންޑާ މިނިސްޓަރު ވަކި ކުރައްވަން އެބަ ޖެހޭ. އަދި އެކަން ނުވެއްޖެނަމަ މި އިއްޒަތްތެރި މަޖިލީހުން ވެސް މި އިއްޒަތްތެރި މަޖިލީހުގެ މެމްބަރުން ވެސް ކުޑަވެސް ކޮންޝަސް އެއް ހުރިނަމަ ޖެންޑާ މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ހަމައަށް ދާން އެބަ ޖެހޭ،" މީކާއީލް ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވީ މިފަދަ ކަންކަން އެއްފަރާތްކޮށް، އަޅާނުލެވި ދާތަން ބަލަން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށާއި، މިކަމުގައި އެންމެ ޒިންމާ އަދާކޮށްގެން މެނުވީ ބަދަލެއް ނާންނާނެ ކަމަށެވެ.
ތަކުރާރުކޮށް ޝިދާތާގެ އިހުމާލު ފެންނަމުންދާ ކަމަށް މެމްބަރުން މިއަދު ވަނީ ފާހަގަކޮށްފަ އެވެ.