ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޖިންސީ ގޯނާކުރާކަމުގެ ތުހުމަތު ކުރެވިފައިވާ ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާނަށް ސަރުކާރުން ދީފައިވާ ހިތްވަރުދިނުމުގެ ގައުމީ އިނާމު އަތުލަން ހޯރަފުށި ދާއިރާގެ މެމްބަރު އަހްމދު ސަލީމް ގޮވާލައްވައިފި އެވެ.

ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭކަމުގެ މައުލޫމާތު ލިބިފައި ވަނިކޮށް، އޭނާއަށް ޑިސްއެބިލިޓީ އެމްބެސެޑަރުކަމުގެ މަގާމުދީ، ފެމެލީކޯޓުގެ ހުކުމާ ހިލާފަށް އޭނާގެ ބެލުމުގެ ދަށުގައި ނަފްސާނީ ބަލި ހުންނަ ޒުވާނަކު ހުރި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ އިހުމާލު ބެލުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ.

އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ. މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން މެމްބަރު ސަލީމް ވިދާޅުވީ ނުރައްކާތެރި މައްސަލައަކަށް ތުހުމަތު ކުރެވޭ މީހަކަށް ދައުލަތުން ވަރަށް ބޮޑެތި އިއްޒަތާއި ލަގަބު ދީފައިވާ ކަމަށެވެ.

އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިންށާއި މީހުންނަށް ހިދުމަތް ކުރުމާއި ފުދުންތެރިބަޔަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު ހިޝާނަށް ދީފައި ވަނީ 2014 ވަނަ އަހަރު އެވެ.

ސަލީމް ވިދާޅުވީ ނުރައްކާތެރި ތުހުމަތުތަކެއް ކުރެވޭ މީހަކަށް ދައުލަތުން ބޮޑެތި އިއްޒަތާއި ލަގަބު ތަކެއް ދީފައިވާ ކަމަށާއި އެހެންކަމުން މިފަދަ ޝަރަފުވެރި އެވޯޑުތައް ދިނުމުގައި ގެންގުޅޭ އުސޫލު މުރާޖައާކުރަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެބަ ޖެހޭ މި ޕްރޮސެސް ރިވިއު ކުރަން. ކިހިނެއްތޯ އަޅުގަނޑުމެން ކަންކަމުގައި މީހުން އިވެލުއޭޓްކޮށް އެ ކަންކަމަށް ކުފޫ ހަމަވޭތޯ މި ބަލަނީ،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ސަރުކާރުގެ ފަރާތުން ދެއްވާ ގައުމީ އިނާމަކީ ރާއްޖޭގެ ނިސްބަތުން ދެވޭ ވަރަށް މުހިންމު ގަދަރުވެރި އިނާމަކަށް ވާއިރު އެ އިނާމު އަނބުރާ އަތުލެވޭނެ މަގެއް އޮންނަން ޖެހޭނެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ގޮވާލަން މިހާރުން މިހާރަށް މިކަމުގައި ސަރުކާރުން އެޅުއްވެން އޮތް ފިޔަވަޅަކީ ކޮބައިތޯ ބައްލަވައި އޭނާއަށް ދީފައިވާ ގައުމީ އިނާމު އަނބުރާ އަތުލުމުގެ މަސައްކަތް ކުރެއްވުމަށް،" ސަލީމް ވިދާޅުވި އެވެ.

ސަލީމްގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވެސް ވަނީ ގައުމީ އިނާމު ދިނުމުގައި ގެންގުޅޭ އުސޫލު ބަލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ރިޔާޒް ވިދާޅުވީ ވަރަށް ރަނގަޅަށް ބެލުމަށް ފަހުގައި މެނުވީ މިފަދަ ޝަރަފުވެރި އިނާމާއި އަދި ދައުލަތުގެ އެމްބެސެޑަރުކަމުގެ މަގާމު ދެވިގެން ނުވާނެ ކަމަށާއި އެކަމަށް ވަރަށް ހަރުދަނާ އުސޫލެއް އޮންނަން ޖެހޭނެ ކަމަށެވެ.

ގައުމީ އިނާމުގެ އިތުރުން 2014 ވަނަ އަހަރު ހިޝާނަށް ވަނީ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު ކަމުގެ މަގާމު ވެސް ދީފަ އެވެ. އޭގެ ފަހުން މިދިޔަ ޑިސެމްބަރު މަހު، މި ސަރުކާރުން ވެސް ވަނީ އޭނާއަށް އެ މަގާމު އަލުން ދީފަ އެވެ.

އޭގެއިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޑިސްއެބިލިޓީ އެމްބެސެޑަރުކަން ވެސް ހިޝާނަށް ވަނީ ދީފަ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާއެކު އޮނަރަރީ ޑިސްއެބިލިޓީ އެމްބަސަޑަރު ކަމުން ހިޝާން މިހާރު ވަނީ ދުރުކޮށްފަ އެވެ.