މިހާރު ދުނިޔޭގައި ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއަށް ހޭލުންތެރިކުރުވަން މުޅިރާއްޖޭގައި ހަރަކާތްތަކެއް ހިންގައިފި އެވެ.

އެހަރަކާތުގެތެރެއިން ކޮރޯނާވައިރަހާ ގުޅޭ މަޢުލޫމާތާއި އެވައިރަސް ފެތުރޭ ގޮތާއި އޭގެއިން ރައްކާތެރިވުމަށް ފަރުދީގޮތުންނާއި މުޖުތަމައު ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކުގެ މައުލޫމާތުވަނީ ދީފަ އެެވެ.

ހެލްތު މިނިސްޓްރީން ބުނީ ހޭލުންތެރިކުރުވަން ހިންގި ޕްރޮގްރާމްގެ ދަށުން 130 ހެލްތު ފެސިޓީއަކުން 6،461 މީހަކު އެބައްޔާ ބެހޭ މަޢުލޫމާތު ދީފައިވައިވާ ކަމަށެވެ.

އަތޮޅުތެރޭގައި ކުރިއަށްގެން ދިޔަ ޕްރޮގްރާމުގެތެރެއިން ދޮރުން ދޮރަށް ޒިޔާރަތްކޮށް ގޮސް އާއްމުންނަށް މަޢުލޫމާތު ދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން ސްކޫލްތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި ސަރުކާރުގެ އެކި އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށާއި އެހެނިހެން މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ސެޝަންތައް ވަނީ ނަގައިދީފަ އެވެ.

އޭގެ އިތުރުން އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގެ ޕަބްލިކް ހެލްތު ވޯކަރުން، ޑޮކްޓަރުން، ނަރުހުން އަދި ލެބޯޓްރީ ޓެކްނީޝަނުންނަށް ޓެލެކޮންފަރަންސެއް ބާއްވާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އެ ޓެލެކޮންފަރަންސްގައި 306 ފަރާތެއް ވަނީ ބައިވެރިވެފަ އެވެ.

ކޮރޯނާއަށް ހޭލުންތެރިކަން އިތުރުކުރަން މާލެ ސަރަހައްދުގައި ހިންގި ޕްރޮގްރާމްތަކުގެ ތެރެއިން ނޮވެލް ކޮރޯނާވައިރަސްއާ ބެހޭ އާންމު މައުލޫމާތު ދީ ޕޯޓް ތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ ތަކެތި ރަނގަޅުގޮތުގައި ބޭނުންކުރާ ގޮތް ކިޔާދީފައިވެ އެވެ.

އޭގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން މޯލްޑިވްސް ރެޑްކްރެސެންޓާއެކު ހޭލުންތެރިކުރުވުމަށް ފަސް ބަހަކުން ހޭލުންތެރިކުރުވުމުގެ މައުލޫމާތު ތައްޔާރުކޮށް މައުލޫމާތުދީފައިވާކަން ހެލްތު މިނިސްޓްރީން ފާހަގަކުރެއްވި އެވެ.

ކޮރޯނާވައިރަސްއަށް ތައްޔާރުވުުގެ ގޮތުން އެއަރޕޯޓްގައި ހަރަކާތްތެރިވާ މުއަައްސަސާތަކަށް ފަރިތަ ކުރުމުގެ ޓޭބަލް ޓޮޕް އެކްސަރސައިޒް އެއްވެސް ވަނީ ކުރިއަށްގެންދެވިފައިވެ އެވެ. އެ ހަރަކާތުގައި އިންޓަރނޭޝަނަލް ބޯޑަރ ހެލްތު، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ، އެމް އެން ޑީ އެފް، އެވްސެކޮމް، ޕޮލިސް، ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ، މިނިސްޓްރީ އޮފް ހެލްތް އަދި އެޗް ޕީ އޭ އިން 75 ފަރާތެއް ބައިވެރިވެފައިވެ އެވެ.