ކޮރޯނާވައިރަހާ ހެދި އިގްތިސާދަށް އަސަރު ކުރާނެތީ، ހަރަދު ކުޑަކުރުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުން އާ ވަޒީފާތައް އުފެއްދުމާއި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ރާއްޖެއިން ބޭރަށް ނުކުރުމަށް، ފިނޭންސް މިނިސްޓަރު އަންގަވައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ސޮއިކުރައްވައި އިއްޔެ ދައުލަތުގެ އިދާރާތަކަށް ފޮނުއްވި، ދައުލަތުގެ ހަރަދުކުޑަކުރުމުގެސާކިއުލާގައިވަނީ، މުވައްޒަފުންނަށް ކުރާ ހަރަދު ކުޑަކުރުމާއި ދަތުރުތަކުގެ ހަރަދު ކުޑަކުރުން، އޮފީސްތަކުގެ މަރާމާތާއި ބެލެހެއްޓުން، ކެޕިޓަލް ހަރަދު އަދި އިދާރީ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަންގަވައިފަ އެވެ.

ކައުންސިލްތައް އިސްތިސްނާވާ ގޮތަށް ނެރުއްވި އެ ސާކިއުލާގައި ބުނެފައި ވަނީ، ބަޖެޓުން ހަރަދު ކުރާ ގޮތަށް، އާ މަގާމުތައް ނުއުފެއްދުމަށާއި ބަޖެޓްގައި ހިމެނިފައިވީ ނަމަވެސް، މިވަގުތަށް ދޭން ފަށާފައި ނުވާ އާ އެލަވަންސްތައް މުވައްޒަފުންނަށް ނުދީ މަޑުޖައްސާލަން އަންގާ ކަމަށެވެ. އަދި ޕޭ ކޮމިޝަނުން ރިވިއުކޮށްގެން އަދި ފިނޭންސްގެ ހުއްދަ ލިބިގެން ނޫން ގޮތަކަށް މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުމަށް ވެސް ވަނީ އަންގަވައިފަ އެވެ.

ދަތުރުތަކާ ގުޅޭ ގޮތުން، މިނިސްޓަރު އެންގެވީ، ދައުލަތުގެ ބަޖެޓުން ހުރިހާ ހަރަދެއް ކުރަން ޖެހޭ ގޮތަށް ރާއްޖެއިން ބޭރަށް، ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫން ދަތުރުތައް ނުކުރުމަށެވެ. އަދި ދައުލަތުން ހުރިހާ ހަރަދެއްކޮށްގެން، ފެއާތަކުގައި ބައިވެރިވުމާއި ސްޑަޑީޓްއާތަކާއި ކުރު މުއްދަތުގެ ކޯސްތަކަށް މުވައްޒަފުން ފޮނުވުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފަ އެވެ. މީގެ އިތުރުން، ރަސްމީ ދަތުރުތަކުގައި ވީހާވެސް ދަތުރު ހަރަދުތައް ކުޑަވާނެ ގޮތަކަށް ކަންކަން ރޭވުމާއި އެއާޕޯޓްގެ ވީއައިޕީ ލައުންޖު ބޭނުންކުރުމުގެ ހަރަދުތައް ވެސް ކުޑަކުރަން ސާކިއުލާގައި ވަނީ އަންގައިފަ އެވެ.

ސާކިއުލާގައިވާ ގޮތުގައި، މިހާރު ހިނގަމުންދާ އޮފީސްތަކުގެ މަރާމާތުގެ މަސައްކަތްތައް ފިޔަވާ މަރާމާތުގެ އާ މަސައްކަތްތައް ނުފެށުމަށް ވަނީ އަންގައިފަ އެވެ. އަދި 35،000 ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ހިނގާ މަރާމާތުގެ ކަންކަން ނުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.

އެހެން ނަމަވެސް، ޕީއެސްއައިޕީގެ މަޝްރޫއުތައް ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް ވަނީ އެދިފަ އެވެ. އަދި އޭގެ ބޭރުން، ކުރަން ޖެހޭ، 35،000 ރުފިޔާއިން މަތީގެ ކެޕިޓަލް ހަރަދުތަކަށް ފިނޭންސުގެ ހުއްދަ ހޯދަން ވެސް ސާކިއުލާގައި ވަނީ އެދިފަ އެވެ.

މީގެ އިތުރުން، ސަރުކާރުގެ އޮފީސްތައް ރަސްމީގަޑިން ބޭރުގައި ހުޅުވައިގެން އިތުރު ގަޑީގެ މަސައްކަތް ނުކުރުމަށާއި ގައުމީ ފެންވަރުގައި ފާހަގަ ކުރާ ދުވަސްތައް ފިޔަވާ އެހެން ދުވަސްތައް ފާހަގަ ކުރަން ހަރަދުތައް ނުކުރުމަށް ވެސް ވަނީ، ސާކިއުލާގައި އަންގައިފަ އެވެ.

"މިހާރު ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދަށް ވެސް މީގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ލަފާކުރެވެ އެވެ. އެހެންކަމާ އެކު، މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓްގައި ލަފާކުރެވިފައިވާ މިންވަރަށް ވުރެ، އާމްދަނީ ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ،" ފިނޭންސްގެ ސާކިއުލާގައިވެ އެވެ.

ކޮރޯނާ ވައިރަސް ފެތުރެމުން ދިޔުމާ ގުޅިގެން ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ސީދާ ވައިގެ ދަތުރުތައް ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. އަދި ޗައިނާއިން ސީދާ ރާއްޖެއަށް މީހުން އެތެރެވުން ވެސް ވަނީ މަނާކޮށްފަ އެވެ.

އެ ފިޔަވަޅުތަކާ އެކު، ރާއްޖެ އަންނަން ހަދާފައިވާ 13،000 ބުކިންސް ކެންސަލްވެފައިވާ ކަމަށް މިހާތަނަށް ހާމަކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ، ކޮރޯނާ ވައިރަހާ ހެދި ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ޓޫރިޒަމަށް ހިޔަނި އެޅިފައިވާ ކަމަށެވެ. އަދި އެކަމުން އަރައިގަންނަން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް އިތުރު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.