04 Dec 2011, 18:23
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު ފާސް ކުރި އިރު، އަސާސީ ހިދުމަތެއްގެ ގޮތުގައި ބަލާފައިވާ ޓެލެފޯން ހިދުމަތުން ހަ ޕަސެންޓް، ޖީއެސްޓީގެ ގޮތުގައި އަންނަ މަހުން ފެށިގެން ނެގުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
މި އަހަރުގެ އޯގަސްޓް މަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްތީގުކޮށްފައިވާ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިދިޔަ މަހު ހުށަހަޅާފައި ވަނީ، ގާނޫނުން ޓެކްސް އިސްތިސްނާވާ ތަކެތީގެ ލިސްޓުން "ސަރުކާރުގެ ކަމާ ބެހޭ އިދާރާއެއްގައި ނުވަތަ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާއެއްގައި ރަޖިސްޓްރީކޮށްގެން މުވާސަލާތީ ހިދުމަތްދޭ، މުވާސަލާތީ ހިދުމަތް" ލިސްޓުން އުނި ކުރުމަށެވެ.
ފައިނޭންސް މިނިސްޓަރު އަހުމަދު އިނާޒު މިއަދު ވިދާޅުވީ 2012 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ 9.7 ޕަސެންޓްގެ ޑެފިސިޓް ބަޖެޓެއް ކަމަށާއި ބެޖެޓް ޑެފިސިޓް އެއަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށް އެ ބާވަތްތަކުން ޖީއެސްޓީ ޓެކްސް ނަގަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރު ބަޖެޓް ފޫބައްދަން ގަންނަ ޓީ ބިލްތަކުން ސަލާމަތްވެވޭނީ ވެސް ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށްގެން ކަމަށެވެ.
--------------------------------------
ނޯޓް: މި ހަބަރު ފުރަތަމަ ރިޕޯޓް ކުރި އިރު، ޑޮކްޓަރީ ބޭހުން ހަ ޕަސެންޓްގެ ޖީއެސްޓީ ނަގަން ސަރުކާރުން ހުށަހެޅި ކަމަށް ލިޔެވިފައި ވަނީ މައުލޫމާތު ނެގުމުގައި އެރިއޮޅުކުންނެވެ. އެ ކުށަށް ކިއުންތެރިންގެ ކިބައިން މައާފަށް އެދެމެވެ.