ޖިންސީ ގޯނާ ކުރާ ކަމުގެ މައްސަލަތައް ފުލުހުންގެ އިދާރާއަށް ހުށަހެޅުމުން، އެމައްސަލަތަކުގައި ތުހުމަތުވާ މީހުންނަށް ނަސޭހަތް ދީ މައްސަލަ ފައިލް ކޮށްފައި އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއިން ތައްޔާރު ކުރި ރިޕޯޓުގައި ބުނެފި އެވެ.

ދެ އަހަރުގެ ކުޑަކުއްޖަކަށް އެކުއްޖާގެ ކާފާ އަދި މުނިކާފާ ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވުމާ ގުޅިގެން ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއިން ވަނީ ކަމާ ގުޅުން ހުރި މުއައްސަސާތައް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅޭ ހޯދުންތަކެއް ކޮމިޓީއިން ވަނީ ހޯދާފަ އެވެ.

ކޮމިޓީގެ ހޯދުންތަކަށް ރިއާޔަތް ކޮށް މިއަދު އާންމު ކުރި ރިޕޯޓުގައި ބުނެފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތުވާ ބައެއް ފަރާތްތަކަށް ނަސޭހަތް ދީ މޯލްޑިވްސް ޕޮލިސް ސާވިސްގައި އެފަރާތްތަކުގެ މައްސަލަ ފައިލް ކުރެވޭ ކަމަށެވެ.

"އެއީ މުޖުތަމައުގައި ކުޑަކުދިންނަށް ކަށަވަރުކޮށްދޭން ޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޅޭ ހުރަހެއް ކަމާއި އަދި އެއީ އިތުރު ކުޑަކުދިންތަކެއް ޖިންސީ ގޯނާގެ ޝިކާރައަކަށްވުމަށް ދެވޭ ފުރުސަތެއް ކަމާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއްކަން." ރިޕޯޓުގައި ބުނެފައިވެ އެވެ.

ފުލުހުންގެ އިދާރާއަށް ޖިންސީ ގޯނާގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރެވިފައި ނުވާ ކަމަށްވެސް ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން މައްސަލަތައް ދިގުލައިގެން ގޮސްފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ވޭތުވެ ދިޔަ 15 އަހަރު ފުލުހުންނަށް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލަތަކުގެ ތެރެއިން 70 ޕަސެންޓް މައްސަލަތައް ނިންމަން އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި ގިނަ މައްސަލަތަކެއްގެ ތަހުގީގު ފުރިހަމަ ނުވާތީ ދައުވާ ނުކުރެވިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްއިން މިފަދަ މައްސަލަތައް އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި ހަރުދަނާ ތަހުގީގީ ނިޒާމެއްގެ ތެރެއިން ތަހުގީގުކޮށްފައި ނުވުމުގެ ސަބަބުން މިފަދަ މައްސަލަތަކުގައި ދައުވާ ކުރުމަށް އިތުރު މުއްދަތެއް ހޭދަވާ ކަމާއި އަދި އެއީ ޖިންސީ ގޯނާގެ ޝިކާރައަކަށްވާ ކުޑަކުދިންނަށް އިންސާފު ލިބުމަށް އެޅިދާނެ ހުރަހެއްކަން." ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ޝަރީއަތްތައް ނުނިމި ކޯޓުތަކުގައި ދިގުލައިގެން ދާ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ވޭތުވެ ދިޔަ 15 އަހަރު ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ނިންމާފައިވަނީ 94.67 މައްސަލަ ކަމާއި އޭގެ ތެރެއިން ކުށް ސާބިތުވެފައިވަނީ ގާތްގަނޑަކަށް 36 ޕަސެންޓް މައްސަލަ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ބެލުމުގެ ކަމާ ގުޅޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ނުކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޮމިޓީގެ ހުށަހެޅުންތައް

ޖިންސީ ގޯނާގެ މައްސަލަތަކުގައި ކަން ހިނގާފައިވާ ގޮތް ދިރާސާކޮށް ހިއުމަން ރައިޓްސް ކޮމިޓީއިން ވަނީ އިސްލާހު ކުރަން ގިނަ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ތަހުގީގު ކުރަން ވަނީ އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ ފަރާތްތައް ކަމަށް ކޮމިޓީއިން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ތަހުގީގު ކުރުމުގައި އަދި އެފަދަ މައްސަލަތަކުގައި ޝާމިލުވާ ކޮންމެ މުވައްޒަފަކީވެސް ކުއްޖާގެ މަސްލަހަތައް އެންމެ ފައިދާވާގޮތަށް އަދި އެކުއްޖާގެ މަސްލަތަކަށް އިސްކަންދީގެން މަސައްކަތް ކުރާ މުވައްޒަފެއްކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި ޖިންސީ ގޯނާގެ މައްސަލަކުގައި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރާނެ ނިޒާމެއް ގާއިމް ކުރުމަށްވެސް ކޮމިޓީއިން ވަނީ ކަމާ ބެހޭ މުއައްސަސާތަކަށް އަންގާފަ އެވެ.

ކޮމިޓީ ރިޕޯޓު މިހާރު މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާއިރު އެ ރިޕޯޓު ފާސް ކުރުމާމެދު މަޖިލީހުގެ ތަޅުމުގައި ވޯޓަކަށް އަހާނެ އެވެ.