އަމިއްލަ ފަރުދުން ބޭންކް އެކައުންޓު ހުޅުވުމަށާއި ލޯނަށް އެދި ހުށަހެޅުމަށް ހާއްސަ ސެންޓަރެއް ބީއެމްއެލްއިން ހުޅުވައިފި އެވެ.

"ބީއެމްއެލް އެކައުންޓް އޯޕަނިން އެންޑް ލޯން ސެންޓަރު"ގެ ނަމުގައި ހުޅުވި އެ ތަން ހުންނަނީ މާލެ ސްކޮއާ (ގާކޮށި)ގައި ހުންނަ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުގެ ފުރަތަމަ ފަންގިފިލާގައެވެ.

އަލަށް ހުޅުވި އެ ސެންޓަރުން އެއްފަހަރާ ގިނަ އަދަދެއްގެ ކަސްޓަމަރުންނަށް ހިދުމަތް ދެވޭއިރު، މިއީ ހަމައެކަނި އަމިއްލަ ފަރުދުންނަށް ހިދުމަތް ދިނުމަށް ހުޅުވި ސެންޓަރެކެވެ.

ބީއެމްއެލްގެ އެކައުންޓް އޯޕަނިން އެންޑް ލޯން ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ އެ ސެންޓަރުގައި ކަސްޓަމަރުންނަށް އެހީތެރިވުމަށް ހާއްސަ ޓީމެއް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޓިމް ސޯޔާ-- ފޮޓޯ/ބީއެމްއެލް

މި ސެންޓަރުގެ ހިދުމަތްތަކާ ގުޅޭ އިތުރު ތަފްސީލު ދެއްވަމުން ބީއެމްއެލްގެ ސީނިއާ މެނޭޖަރު ރީޓެއިލް ބޭންކިންގް ބަދުރުއްދީން ހަސަން ވިދާޅުވީ ސެންޓަރަށް ގޮސްގެން އަދި ބީއެމްއެލްގެ އެޕޮއިންޓްމަންޓް ސިސްޓަމް މެދުވެރިކޮށް ވެސް އެ ސެންޓަރުން ހިދުމަތްތައް ލިބޭނެ ކަމަށެވެ.

"މިހާރު ވެސް އޮންނަ ގޮތަށް ބީއެމްއެލް ކޮންޓެކްޓް ސެންޓަރަށް ގުޅުއްވުމަށްފަހު އެޕޮއިންޓްމަންޓް ހެއްދެވީމަ ކަނޑައަޅާ ވަގުތަށް، ކިޔޫގައި ނުޖެހި ހިދުމަތް ލިބިގެންދާނެ. ލޯނު ސެންޓަރުގެ ހިދުމަތް ހޯދުމަށް ވެސް އެޕޮއިންޓްމަންޓް ސިސްޓަމެއް ވަނީ ގާއިމުކުރެވިފައި،" ބަދުރުއްދީން ވިދާޅުވިއެވެ.

ބަދުރުއްދީން ވިދާޅުވީ އެ ސެންޓަރުގައި އެއްފަހަރާ ތިން ލޯން އެޕޮއިންޓްމަންޓަށް ހިދުމަތް ދިނުމުގެ ޖާގަ ހުންނާނެ ކަމަށެވެ. އެޕޮއިންޓްމަންޓް ހެދުމަށް ގުޅަން ޖެހޭނީ ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރު (ފޯނު ނަންބަރު 3330200) އަށެވެ.

އެޕޮއިންޓްމަންޓް ސިސްޓަމް މެދުވެރިކޮށް ބީއެމްއެލް ހައުސިން ލޯނު، ހޯމް ކޮންސްޓްރަކްޝަން ލޯނު، ހޯމް ޕާޗޭސް ލޯން، ލައިފްސްޓައިލް ލޯން އަދި ކިޔަވާ ލޯނަށް އެޕޮއިންޓްމަންޓް ހައްދައިގެން އެޕްލިކޭޝަން ހުށަހެޅޭއިރު، އެޕޮއިންޓްމަންޓަކާ ނުލައި ބީއެމްއެލް ވެހިކަލް ލޯން އަދި ލުއި އެކްސްޕްރެސް ލޯނަށް އެދި ހުށަހެޅޭނެއެވެ.

މި ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނަށް އަލަށް އެކައުންޓު ހުޅުވުމާއި ލޯނަށް އެދި ހުށަހަޅަން ހާއްސަ ސެންޓަރެއް ހުޅުވިއިރު، ފައިސާގެ މުއާމަލާތްތައް ފިޔަވައި ވިޔަފާރިތަކުން ބޭނުންވާ ހިދުމަތް ބީއެމްއެލްގެ ބިޒްނަސް ސެންޓަރުތަކުން ލިބޭނެ އެވެ.