05 Feb 2020, 10:30
ފެމިލީ ކޯޓުން ކުރި ހުކުމާ ހިލާފަށް ނުކުޅެދުންތެރިކަން ހުންނަ ކުއްޖާ އަދިވެސް ހުރީ ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާންގެ ބެލުމުގެ ދަށުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކުއްޖާ އަދި އިތުރު ކުދިންތަކަކަށް ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތު ހިޝާންއަށް ކުރެވިފައި ވަނިކޮށް އޭނާއަށް ޑިސްއެބިލިޓީ އެމްބެސަޑަރުކަން ދިން މައްސަލާގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާ މިއަދު މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފަ އެވެ. ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އެވެ.
އެމައްސަލައިގެ ބަހުސް މަރުހަލާގައި މެމްބަރުން ސުވާލު ކުރަމުން ދިޔައީ އެކުއްޖާ މިހާރު ހުރީ ކާކުގެ ބެލުމުގެ ދަށުގައި ތޯ އެވެ. އެއާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދު ވިދާޅުވީ އެ ކުއްޖާ މިހާރު ހުރީ ކާކުގެ ބެލުމުގެ ދަށުގައިތޯ ބަލާނެ ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން އެކަން ބެލުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ އަދިވެސް އެކުއްޖާ ހުރީ ހިޝާންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
"ހިތާމައާ އެކީ ދަންނަވަން ޖެހެނީ އެ ކުޑަކުއްޖާ. ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ކުއްޖާ އެއީ ގާނޫނީ ގޮތުން ކުޑަކުއްޖެއް ގޮތުގައި ބެލެވޭ ކުއްޖެއް. އެކުއްޖާ އަދިވެސް ހުރީ އަހުމަދު ހިޝާން ކައިރީގައި." ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަވާރަ އަހަރުގެ ފިރިހެނެއްގެ ގާނޫނީ ބެލެނިވެރިކަން ހިޝާނަށް ދެވެން ނެތް ކަމަށް ފެމެލީ ކޯޓުން 2018 ވަނަ އަހަރު ވަނީ ހުކުމް ކޮށްފަ އެވެ. ފެމެލީ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެގޮތަށް ނިންމީ ދައުލަތުން ހިޝާންއާ ގުޅޭ ގޮތުން ހުށަހެޅި އެސެސްމެންޓް ރިޕޯޓަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ.
އެމައްސަލަ ހިޝާންގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ފާހަގަކޮށްފައިވަނީ ފެމެލީ ކޯޓުން ކުއްޖާގެ ބެލެނިވެރިކަން ހިޝާން އާ ހަވާލުކޮށްދެވެން ނެތް ކަމަށް ހުކުމް ކޮށްފައި ވަނިކޮށް ވެސް، 2018 ވަނަ އަހަރުން ފެށިގެން އެ ޒުވާނާ ހިޝާންގެ ގޭގައި ދިރިއުޅެމުން ދާ ކަމެވެ.
ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުން ވިދާޅުވީ މި ހުރިހާ ދުވަހުވެސް އެ ޒުވާނާ ދިރިއުޅެމުން ދަނީ ހިޝާން އާއެކު ހިޝާންގެ ގޭގައި ކަން ކޯޓަށް އެނގިފައިވާ ކަމަށާއި އަދި އެ ކުއްޖާގެ ރެޖިސްޓްރީ ވެސް ހިޝާންގެ ގެއަށް ބަދަލުކޮށްފައިވާކަން އެނގިފައިވާކަމަށެވެ.
ޖެންޑާ މިނިސްޓްރީގައި ހިޝާންއާ މެދު ތުހުމަތު ކުރެވޭ ރިޕޯޓުތަކާއި މައުލޫމާތު ހުރި އިރު، ނަފްސާނީ މައްސަލަތަކެއް ހުންނަ މީހަކު ހިޝާންގެ ހަވާލުގައި ބެހެއްޓިޔަ ދިނީ ކީއްވެތޯ ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.
ފަނޑިޔާރުންގެ ގިނަ ސުވާލުތަކުގެ ޖަވާބު ޖެންޑާގެ ފަރާތުން ކޯޓަށް ހާޒިރުވި ވަކީލަށް ދެވިފައި ނުވާއިރު، އެ ޒުވާނާ ދިރިއުޅޭ ތަނެއް ބަލާފައި ނުވަނީ އޭނާއަކީ 18 އަހަރު ފުރިފައިވާ މީހަކަށް ވާތީ ކަމަށް ޖެންޑާއިން ކޯޓުގައި ބުނެފައިވެ އެވެ.
ޖެންޑާގެ ވަކީލުގެ ޖަވާބާ ގުޅިގެން ހައިކޯޓުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ އެ ޒުވާނާއަކީ ނަފްސާނީ މައްސަލަތަކެއް ހުރި މީހެއްކަން އެސެސްމަންޓުތަކުން އެނގޭ ކަމަށާއި، އެފަދަ މީހަކު ބަލާނީ ކުޑަ ކުއްޖެއްގެ ގޮތުގައިކަމަށެވެ.
އެހެންކަމުން އެ ޒުވާނާގެ ހާލަތާއި އެކުއްޖާ ހުރިތަނެއް ދައުލަތުން ބަލަން ޖެހޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ހިޝާންގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލަތަކާއި ގުޅިގެން ފުލުހުން އޭނާއާ ސުވާލު ކުރި އެވެ. އަދި އޭނާގެ ޕާސްޕޯޓު މިހާރު ވަނީ ހިފަހައްޓާފަ އެވެ.