05 Feb 2020, 10:20
ވޮޝިންޓަން (5 ޖަނަވަރީ 2020) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، 2020ގެ ރިޔާސީ ބަޔާން ނުވަތަ ސްޓޭޓް އޮފް ދި ޔުނިޔަން ޚިތާބު ދެއްވައިފި އެވެ. މި ޚިތާބު ދެއްވުމަށް ޓްރަމްޕް ވަޑައިގެންނެވި އިރު ޓްރަމްޕް ވަނީ އެމެރިކާގެ އިދިކޮޅު ލީޑަރު އަދި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސާ ނެންސީ ޕެލޯސީއާ ސަލާމް ކުރުމަށް އަތްދިއްކޮށްލެއްވުމުން އެކަމަނާއާ ސަލާމް ކުރުމަށް ދެކޮޅު ހައްދަވައިފަ އެވެ. ރައްދުގައި ޕެލޯސީ ވަނީ ޓްރަމްޕްގެ ޚިތާބު ނިމުމާ އެކު ޓަރްމްޕް ކުރިމަތީގައި އެ ޚިތާބުގެ ހާޑްކޮޕީ ވީދާލައްވައި އެ ކޮޕީ ކުނިވަށިގަނޑަށް ލައްވައިފަ އެވެ.
ސްޓޭޓް އޮފް ދި ޔުނިޔަން ޚިތާބުގައި ޓްރަމްޕް ވަނީ އޭނާގެ ވެރިކަމުގައި ހާސިލް ކުރިކަމަށް ބުނާ ކާމިޔާބީތައް ފާހަގަ ކުރައްވައިފަ އެވެ. މިގޮތުން ފަހުގެ ތާރީޚެއްގައި އެމެރިކާގެ އިގްތިސާދު ކުރިޔަށް ނުދާމިންވަރަށް އޭނާގެ ވެރިކަމުގައި އެމެރިކާގެ އިގްތިސާދު ކުރިޔަށް ގޮސްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެމެރިކާގެ ކޮންގްރެސްގައި ހިމެނޭ ދެ މަޖިލިސް ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވް އާއި ސެނެޓްގެ ގުޅިފައިވާ ޖަލްސާއެއްގައި ދެއްވި 2020ގެ ސްޓޭޓް އޮފް ޔުނިޔަން ޚިތާބުގައި ޓްރަމްޕް ވިދާޅުވީ އޭނާގެ ތިން އަހަރުވީ ވެރިކަމުގައި އެމެރިކާގައި ހަތް މިލިޔަން ވަޒީފާގެ ފުރުސަތު އުފައްދައި 10 މިލިޔަން މީހުން ވަޒީފާ ނެތުމުގެ ދަފްތަރުން އުނިކޮށްފައިވާ ކަމުގަ އެވެ. އަދި ފަހުގެ ތާރީޚެއްގައި އެމެރިކާގެ އިގްތިސާދު ކުރިއަރާފައިނުވާ މަތީ ރޭޓެއްގައި އޭނާގެ ވެރިކަމުގައި އިގްތިސާދުގެ ހުރިހާ ސެކްޓަރުތަކެއް ކުރިއަރައި އިގްތިސާދީ ހީނަރުކަން މާޒީއަށް ވެގެންގޮސްފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އިދކޮލު ލީޑަރު ޕެލޯސީ އާ ސަލާމް ކުރެއްވުމަށް ޓްރަމްޕް ދެކޮޅު ހައްދަވަނީ
ސަރުކާރެއްގެ ގާބިލްކަމަކީ ރައްޔިތުން ވަޒީފާތަކަށް ނުކުމެ މަސައްކަތްކުރާވަރު އިތުރުކޮށް ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވެގެން ދިޔުން ކަމަށް އިޝާރާތް ކުރައްވަމުން ޓްރަމްޕް ވިދާޅުވީ އޭނާގެ ވެރިކަމުގައި އެމެރިކާގެ ރައްޔިތުންނަށް ލިބޭ ހިލޭ ބޭސްފަރުވާގެ މިންވަރު އިތުރުވެ ގަވައިދާ ޚިލާފަށް ހިޖްރަކުރާ މީހުން ހުއްޓުވައި ގައުމުގެ އަމަނާއި ސަލާމަތީ ކަންކަމުގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމުގަ އެވެ.
ޗައިނާގެ އުފެއްދުންތަކާ ދެކޮޅަށް ހަރުކަށިގޮތެއްގައި ޑިއުޓީގެ ފިޔަވަޅުތައް އެޅުމުން އެމެރިކާގެ ވިޔަފާރީގެ މަސްލަހަތުތައް ކުރިޔަށްވުރެ ބޮޑަށް ރައްކާތެރި ކުރެވޭ ގޮތަށް އެމެރިކާއާ އެކު ވިޔަފާރީގެ އައު އެއްބަސްވުމެއް ގާއިމް ކުރުމަށް މިދިޔަ އަހަރު ޗައިނާއަށް މަޖްބޫރުވި ކަމަށާ އެކަމުގެ ސަބަބުން ކުރިން ނުލިބޭ އެތައް ބިލިޔަން ޑޮލަރެއްގެ ފައިދާ ފާއިތުވި އަހަރު އެމެރިކާއަށް ލިބިގެން ދިޔަ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް އެމެރިކާއާއި ޗައިނާގެ ވިޔަފާރީގެ ތިލަފަތް އަދި ވެސް ބުރަވެފައި ވަނީ ޗައިނާ ކޮޅަށް ކަމަށާއި އެއީ ބޮޑު ގޮންޖެހުމެއްކަން ޓްރަމްޕް ފާހަގަ ކުރެއްވި އެވެ.

ޕެލޯސީ ޓްރްމްޕްގެ ޚިތާބު ވިދާލައްވަނި
ބޭރު ގައުމުތަކުގެ ހަނގުރާމަތަކުގައި އެމެރިކާ ސިފައިން ބައިވެރިވާ މިންވަރު ކުޑަކުރުމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާ ސިފައިން މަރުވި އަދަދު ވެސް ފާއިތުވި އަހަރު އިންތިހާއަށް ދަށަށްގޮސްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. މީގެ އިތުރުން މެކްސިކޯގެ ސަރަހައްދީ ރޮނގުގައި ފާރެއް ބިނާކުރުމާއި ކެނެޑާއާއި މެކްސިކޯ އާ އެމެރިކާ ސޮއިކޮށްފައިވާ ވިޔާފާރީގެ އެއްބަސްވުންތައް އެމެރިކާއަށް ފައިދާވާ ގޮތަށް ބަދަލުކުރުމާއި ނޭޓޯއަށް އެމެރިކާ ކުރާ އަސްކަރީ ޚަރަދުގެ ބޮޑުބައެއް ކުޑަކޮށް އެބައި ފޫބައްދަން ނޭޓޯގައި ހިމެނޭ އެހެން ގައުމުތަކަށް މަޖްބޫރު ކުރުމުގައި ވެސް ކާމިޔާބު ހޯދިކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޚާރިޖީ ސިޔާސަތާ ބެހޭ ގޮތުން ވެސް ޓްރަމްޕް ވާހަކަ ދެއްކެވި އެވެ. ނަމަވެސް ޚާރިޖީ ދާއިރާގައި ކުޑަވެސް ކާމިޔާބެއް ލިބުނުކަމަށް ވިދާޅުވެ ވާހަކަ ދައްކަވަން ޓްރަމްޕަށް ކެރިވަޑައިގެންފައެއް ނުވެ އެވެ. ފަލަސްތީން، އަފްޣާނިސްތާން، އީރާންގެ ނިއުކްލިޔާ މައްސަލަ، ސޫރިޔާ، ވެނެޒުއެލާ އަދި ދެކުނުކޮރެޔާގެ މައްސަލަތަކުގައި އެއްވެސް ކާމިޔާބީއެއް ލިބުނުކަމަށް ޓްރަމްޕަށް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް އައިއެސްގެ ލީޑަރު އަބޫބަކުރުލްބަޣްދާދީ މަރާލިކަން ފާހަގަ ކުރައްވާފައިވެ އެވެ. (ނޫސްއެޖެންސީތައް)