04 Dec 2011, 18:02
ޑިއުޓީ ކަޑާލުމުން އަސާސީ އާންމު ކާބޯތަކެތީގެ 29 ބާވަތެއްގެ އަގުން ނުވަ ޕަސެންޓާއި 13 ޕަސެންޓަށް އަންނަ އަހަރު ކުޑަވާނެ ކަމަށް ސަރުކާރުން ލަފާކޮށްފި އެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓުން މިއަދު އާންމުކޮށްފައިވާ 29 ބާވަތެއް ހިމަނާފައިވާ އަގު ލިސްޓުގައި ހިމެނެނީ އާންމު ތަރުކާރީގެ ބާވަތްތަކާއި ކުކުޅާއި ބިހާއި ފިޔަ އާއި ލޮނުމެދާއި ކިރާއި ޖޫސް އަދި ކޮފީގެ ބާވަތްތަކެވެ.
ޖީއެސްޓީ ނަގަން ފެށުމުން ޑިއުޓީ މާފުކުރި ބާވަތްތަކުން ކުރިއަށް އޮތް އަހަރު، އެންމެ ބޮޑަށް އަގު ތިރިވާނީ އަލުވިންނާއި ޓޮމާޓޯ އިންނާއި ފިޔަ އިންނާއި ލޮނުމެދުންނާއި ކެބެޖުންނާއި މިރުހުން އަދި ކެރެޓުންނެވެ. އެތަކެތި މިހާރު ވިއްކާ އަގުން ދެ ރުފިޔާ އާއި ހަތަރު ރުފިޔާވަރު ހެޔޮވެ 13 ޕަސެންޓަށް އަގުތައް ތިރިވާނެ ކަމަށް ލަފާކުރެ އެވެ.
އެ ބާވަތްތަކުން ޖީއެސްޓީ ނުނަގާ އިރު މިހާރު ފިޔާ ކިލޯއެއް ހުރީ 17.40ރ އަށެވެ. އަދި އަލުވި ކިލޯއެއް 13.81ރ. އަށް ވިއްކާ އިރު ޓޮމާޓޯ ކިލޯއެއް ވިއްކަނީ 34.33ރ. އަށެވެ.
އަންނަ އަހަރުގެ ހަ ޕަސެންޓު ޖީއެސްޓީނަގަންފަށާ އިރު ކުޑަކުދިންގެ ކިރު ދަޅުންނާއި ގެރި ކިރުންނާއި އަދި އާންމު ކިރު ދަޅުން ހަ ރުފިޔާ އާއި 24ރ. ދެމެދަށް ހެޔޮވެ ގާތްގަނޑަކަށް ނުވަ ޕަސެންޓް މިހާރު ހުރި އަގުން ހެޔޮވާނެ އެވެ.
އެ ބާވަތްތައް މިހާރު ބާޒާރުގައި ހުރީ 170ރ. އިން ފެށިގެން ގޮސް 270ރ. އާ ދެމެދު އެވެ.
ބާޒާރުގައި އާންމުކޮށް ހުރި އެކި ބްރޭންޑްތަކަށް ބަލައި ޖަހާފައިވާ ތަފާސްހިސާބުތަކަށް ބަލާ އިރު ޖޫހާއި ޓޮމާޓޯ ސޯހާއި ކޮފީ އަދި ލޮނުން 10 ޕަސެންޓް ވަރު ހެޔޮވާނެ އެވެ. އެއީ ހަ ރުފިޔާ އާއި ތިން ރުފިޔާ އަގުހެޔޮ އަދަދެކެވެ.
މިހާރު ސޯސް އާއި ޖޫހާއި އަދި ކޮފީގެ އަގުތައް އެވްރެޖްކޮށް އުޅެނީ ފުޅިއެއް 60ރ. އާއި 80ރ. އާ ދެމެދު އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ހިސާބުތައް ޖަހާފައި ވަނީ މިހާރު ވެސް ވިޔަފާރިވެރިން ލާ ފައިދާ ވެސް ހިމަނައިގެން އަދި ޖީއެސްޓީގެ ހަ ޕަސެންޓް ވެސް ހިމަނައިގެން ކަމަށެވެ. ނަމަވެސް ޑިއުޓީ ކަޑާލި ގިނަ ބާވަތްތަކަކީ ޖީއެސްޓީ ނުނަގާ ތަކެއްޗެވެ.
ސަރުކާރުން އެގޮތަށް ލަފާކުރި ނަމަވެސް ބައެއް ބޮޑަތި ވިޔަފާރިވެރިން ބުނަނީ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ނައްތާނުލެވެނީސް އަގުތައް ނައްތާނުލެވޭނެ ކަމަށެވެ.