04 Feb 2020, 23:13
އިންޑިއާގެ ކެރެލާ ސްޓޭޓުގައި ކޮރޯނާ ވައިރަސްގެ ކޭސްތަކެއް ފެނިފައިވުމުން ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ދިވެހީން ކެރެލާއަށް ދަތުރުނުކުރުމަށް ފޮރިން މިނިސްޓްރީއިން އިލްތިމާސްކޮށްފި އެވެ.
އިންޑިއާގެ ކެރެލާ ސްޓޭޓުން ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ތިން މީހަކު ފެނިފައެވެ. އެކަމާ ގުޅިގެން އެ ސްޓޭޓުން ވަނީ "ސްޓޭޓް އޮފް ކެލޭމިޓީ"އެއް އިއުލާނުކޮށްފައެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބައްޔާ ގުޅޭގޮތުން އިންޑިއާގެ ކަމާ ބެހޭ އިދާރާތްތަކުން ދޭ އިރުޝާދުތަކަށް ދިވެހީން ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
މިވަގުތު އިންޑިއާގެ އެކި ސްޓޭޓުތަކުގައި އަދި ވަކިން ހާއްސަކޮށް ކެރެެލާގައި އުޅޭ ދިވެހީން މިނިސްޓްރީއަށް ނުވަތަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ނުވަތަ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުގައި ރެޖިސްޓްރީވުމަށް ފޮރިން މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް 20،697 މީހަކު މިހާތަނަށް ފެނިފައިވާއިރު އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 427 އަށް އަރައެވެ.