ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ޔޫޓީއުބް ޗެނަލެއް އިފްތިތާހުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ އެ ޔޫޓިއުބް ޗެނަލް އިފްތިތާހުކޮށްފައިވަނީ މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މިރޭ އިފްތިތާހުކުރި ޔޫޓިއުބް ޗެނަލުން އިންތިހާބާ ގުޅޭ ތަފާތު މައުލޫމާތު ލިބިގެންދާނެއެވެ. އެގޮތުން ވޯޓުލާ ކަރުދާހާއި ވޯޓުލާ ގޮތާ ގުޅޭ އަދި ވޯޓުލާ ތަނަށް ގެންދެވޭނެ ތަކެއްޗާ ގުޅޭގޮތުން އެ ޔޫޓިއުބް ޗެނަލުން މައުލޫމާތު ލިބޭނެއެވެ.

އޭޕްރިލް މަހުގެ ހަތަރެއްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ޝިއާރަކީ "މަގޭ ވޯޓު، މަގޭ ނިންމުން،" އެވެ.

ލޯކަލް ކައުންސިލު އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މިއަދުން ފެށިގެން މިމަހުގެ 20ގެ ނިޔަލަށް ހުޅުވާލާފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އިންތިހާބުގެ ވޯޓާސް ލިސްޓަށް ދުވަސް ހަމަވިއިރު 373 ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ. އަދި މިމަހުގެ 13 ގައި ރީ ރެޖިސްޓްރޭޝަނަށް ފުރުސަތު އަލުން ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.