04 Dec 2011, 17:42
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީން ހުށަހެޅި 174 މިލިޔަން ރުފިޔާގެ ބަޖެޓުން 36 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން އުނި ކުރުމުން ޔުނިވަސިޓީ ނުހިންގޭނެ ކަމަށް ޗާންސެލާ ޑރ. މުސްތަފާ ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ ޔުނިވަސިޓީގެ ކައުންސިލުން ފުރަތަމަ އެކުލަވާލީ 191 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. ނަމަވެސް އެ ބަޖެޓް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީން ތަކުރާރުކޮށް އެންގެމުން 174 މިލިޔަން ރުފިޔާ އަށް ބަޖެޓް ކުޑަކޮށް ފައިވާނެ ކަމަށް ޑރ. މުސްތަފާ ލުތުފީ ވިދާޅުވި އެވެ.
ނަމަވެސް ސަރުކާރުން ބެޖެޓް އާންމުކުރި އިރު، އިތުރު 36 މިލިޔަރުން ރުފިޔާ އުނިކޮށްފައިވާ ކަމަށާއި އެ ފައިސާ ނުލިބޭ ނަމަ މުވައްޒަފުންނަށް މުސާރަ ވެސް ނުދެވޭނެ ކަމަށް ބަޖެޓް ކޮމެޓީގައި ބައިވެރިވި ޔުނިވާސީޓީގެ އިސް ބޭފުޅުން ވިދާޅުވި އެވެ. މީގެ އިތުރުން ގައުމީ ޔުނިވަސިޓީގެ ފެންވަރު ރަނގަޅުކޮށް އިތުރު ދާއިރާތަކުން މަތީފެންވަރުގެ ކޯސްތައް ހިންގުމަށް ކައުންސިލުން ނިންމާފައިވާ ގިނަ ނިންމުތަކަށް ހުރަސް އެޅިގެންދާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.
މިހާރު ވެސް ޔުނިވަސިޓީގެ މުވައްޒަފުންނަށް ދެމުންދަނީ ސްކޫލްތަކުގެ ޓީޗަރުންނަށް ވުރެ ކުޑަ މުސާރައެއް ކަމަށާއި އެގޮތަށް އެކަން އޮވެގެން ފެންވަރު ރަނގަޅު މީހުން ނުލިބޭނެ ކަމަށް ވެސް ޗާންސެލާ ވިދާޅުވި އެވެ. ޕްރޮފެސާ ފެންވަރުގެ ބޭފުޅުން ގެންނަން ބަލާ އިރު، އެންމެ ބޮޑުވެގެން ވެސް އެބޭފުޅުންނަށް ދެވެން އޮތީ 18،000ރ. ކަމަށެވެ.
ބަޖެޓް ކޮމެޓީގައި ޑރ. ހަސަން ހަމީދު ވިދާޅުވީ ގާނޫނެއްގެ ދަށުން މިނިވަން މުވައްސަސާއެއްގެ ގޮތުގައި ޔުނިވަސީޓީ ކަނޑައަޅާފައިވީ ނަމަވެސް، މާލީ ގޮތުން އެއްވެސް މިނިވަން ކަމެއް ނެތް ކަމަށެވެ. އަދި ހުރިހާ ބާރުތަކެއް ކޮންޓްރޯލް ކުރަނީ ފިނޭންސް މިނިސްޓްރީން ކަމަށެވެ.
މިއަދުގެ ބަޖެޓް ކޮމެޓީ އަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ އާއި މޯލްޑިވްސް ބްރޯޑްކާޓިން ކޯޕަރޭޝަން (އެމްބީސީ) އާއި މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ހާޒިރު ކުރި އެވެ. ހުރިހާ މުއައްސަސާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެބޭފުޅުންގެ ހުށަހެޅި ބަޖެޓް ފިނޭންސް މިނިސްޓްރީ ކުޑަކޮށްފައިވާތީ އެވެ. ބައެއް މުއައްސަސާތަކުން ބުނީ އެ އިދާރާތަކުގެ ބަޖެޓް ކުޑަކުރުމުން ގާނޫނުތަކުން ލާޒިމްކޮށްފައިވާ ޒިންމާ ނުއުފުލޭނެ ކަމަށެވެ.