04 Feb 2020, 20:13
މިހާރު ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް އާ ގުޅިގެން ރާއްޖެއިން އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެއް މިލިއަން މަސްދަޅު ހަދިޔާކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
މިރޭ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ މަސްދަޅުތައް ހަވާލުކުރައްވާފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި ޗައިނާގެ ފަރާތުން މަސްދަޅާ ހަވާލުވެފައިވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ޖަންގް ލިޖޮންގް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ޗައިނާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، ޗައިނާއަށް މަސްދަޅު ހަދިޔާކުރެއްވުމަށް ނިންމަވާފައި ކަމަށެވެ.
ޗައިނާއަށް މަސްދަޅު ހަދިޔާ ކުރުމަކީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ރަމްޒުކޮށްދިނުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
އަދި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ޗައިނާގެ ރައްޔިތުންނާއެކުގައި ކަމަށް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.
"މި އައުޓްބްރޭކުގައި ޗައިނާގެ ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ވަރަށް ދެފުށް ފެންނަގޮތަކަށް. އެކަމަށްޓަކައި އަޅުގަނޑުމެން ޗައިނާގެ ސަރުކާރަށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ، ޗައިނާގައި ދިރިއުޅޭ ދިވެހިންނަށް އެގައުމުގެ ސަރުކާރުން ފޯރުކޮށްދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ލިޖޮންގް ވިދާޅުވީ ޗައިނާއަށް ދަތި މި ދަނޑިވަޅުގައި ދިވެހިން އެންމެ ބޭނުންކުރާ އެކަތި ކަމަށްވާ މަސްދަޅު ރައްޔިތުންނަށް ހަދިޔާ ކުރުމުން ވަރަށްބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.