04 Feb 2020, 19:32
ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަހައްދު ހިމާޔަތްކުރުމަށް ވަޒީރުންގެ މެމްބަރުންގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.
މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެންވަޔަރަންމެންޓް މިނިސްޓްރީއިން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ ފުވައްމުލަކު ސިޓީ ކައުންސިލުން ހުށަހަޅުއްވާފައިވާ ގޮތަށް ފުވައްމުލަކު ފަރިކެޑަ ސަރަހައްދު ވަކި މެނޭޖުމެންޓް ޕްލޭނެއްގެ ދަށުން ރައްޔިތުންނަށް އޭގެ މަންފާކުރާގޮތަށް ހިމާޔަތް ކުރުމަށެވެ.
ފުވައްމުލަކު ފަރިކެޑެ ސަރަހައްދަކީ އެކި ބާވަތްތަކުގެ މިޔަރު ސާފުވުމަށާއި ވިހެއުމަށް ޖަމާވެ އުޅޭ ސަރަހައްދެކެވެ. އެގޮތުން އެ ސަރަހައްދުން އާންމުކޮށް ފެންނަ މުހިއްމު ދިރުން ތަކުގެ ތަރޭގައި ކަނޑި މިޔަރު,ފާނަ މިޔަރު, އެންމަޑި،އަދި ފެހުރިހި ހިމެނެއެވެ.
އެ ސަރަހައްދުން ފެންނަ ދިރުންތަކަކީ ބައިނަލްއަގުވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް ކަމުން މި ފަދަ ދިރުންތައް ސާފުކުރުމަށާއި ވިހައި އާލާވުމަށް ބޭނުންކުރާ މި ސަރަހައްދު ހިމާޔަތްކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރު އަދި އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ވެފައިވާ ވައުދުގެ ދަށުން 11 ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ގޮތުގައި މިދިޔަ އަހަރު ކަނޑައަޅާފައެވެ.