ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭނުންކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ސޯލިހު އެގޮތަށް ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގައި އެކަމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށްފަހުގަ އެވެ.

ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑަކީ ތަފާތު އެކި ކަންކަމަށް ބަލައިގެން، ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ބޭނުންކުރާ މިންގަނޑެކެވެ. އޭގެތެރޭގައި ސިއްހީ ފެންވަރާއި ތައުލީމީ ފެންވަރު އަދި ދިރިއުޅުމުގެ ފެންވަރު ހިމެނެ އެވެ.

އެ މިންގަނޑަކީ 100 އަށްވުރެ ގިނަ ގައުމުތަކުން ބޭނުންކުރަމުން ގެންދާ މިންގަނޑެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ޕްލޭނިން މިނިސްޓްރީއިން ހުށަހަޅާފައިވާ ކަރުދާހަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަނީ ރާއްޖޭގައި ފަގީރުކަން މިނެކިރަން މިހާރު ބޭނުންކުރާ، އާމްދަނީގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ މިންގަނޑުގެ އިތުރުން ދިރިއުޅުމުގެ މިންގަނޑެއް ބޭނުންކުރުމުގެ މުހިއްމުކަމަށް އަލިއަޅުއްވާލައްވާފަ އެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ރާއްޖޭގައި އަސާސީ ހިދުމަތްތައް ލިބުމުގައި ރައްޔިތުންގެ މެދުގައި ހުރި ފަރަގުތައް ދެނެގަނެ، ރިއާޔަތްކުރާ އިންޑިކޭޓަރެއްގެ ގޮތުގައި މިންގަނޑު ބޭނުންކުރުމަށްވެސް ވަނީ މިއަދު ނިންމާފަ އެވެ.

ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މިންގަނޑު އެކުލަވާލެއްވުމަށް ކަނޑައަޅާފައިވާ މެތޮޑޮލޮޖީއަށް ބަލާއިރު، މި އިންޑެކްސް އެކުލަވާލުމުގައި ބޭނުންކުރާ ހުރިހާ ޑޭޓާއަކީ އެއް ސަރވޭއަކުން އެއްކުރެވިފައިވާ ޑޭޓާއަށް ވާންޖެހޭ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.