05 Feb 2020, 08:38
ވަރުގަދަ ކާސްޓަކާ އެކު ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ކެރިއަރުގެ އެންމެ ބޮޑު ފިލްމު، އަދި އޭނާގެ ފުރަތަމަ އެޕިކް "ތަޚްތު"ގެ މޯޝަން ޕޯސްޓަރު ދައްކާލާ ފިލްމު ރިލީޒްކުރާ ދުވަސް އިއުލާންކޮށްފިއެވެ.
އަންނަ މަހު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ކަރަންގެ ފުރަތަމަ ތާރީޚީ ފިލްމު ރިލީޒްކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
މުގަލް ޒަމާނުގެ ހާދިސާތަކެއްގެ މައްޗަށް އުފައްދާ އެ ފިލްމުގެ ލީޑު ކާސްޓުގެ ތެރޭގައި ހިމެނެނީ ރަންވީރު ސިންގ، ކަރީނާ ކަޕޫރު ޚާން، އާލިއާ ބަޓް، ވިކީ ކޯޝަލް، ބޫމީ ޕެދްނޭކަރު، އަނިލް ކަޕޫރު އަދި ޖާންވީ ކަޕޫރެވެ.
ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކަރަން ބުނީ އެއީ ދެބެންގެ ދެމެދުގައި ހިނގާ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށެވެ. ފިލްމުގައި ދެބޭންގެ ރޯލް ކުޅޭނީ ރަންވީރާއި ވިކީ އެވެ.
ކަރަންގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނެނީ "ކަބީ ޚުޝީ ކަބީ ޣަމް"، "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ އަލްވިދާ ނާ ކެހެނާ"، "މައި ނޭމް އިޒް ޚާން" އަދި "އޭ ދިލް ހޭ މުޝްކިލް" ފަދަ ފިލްމުތަކެވެ.