04 Feb 2020, 21:59
އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން އެންމެ ބޮޑު ސިޓީ، އައްޑޫ އަދި މާލޭ ސިޓީގައި ޕްރައިމަރީ ނުބާއްވާނެ ކަމަށާއި ޕްރައިމަރީ ބާއްވަނީ ޖުމްލަ 62 މަގާމަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް އިން ނެރޭ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ހުކުރު ދުވަހު އެވެ.
ޕްރައިމަރީއާ ގުޅޭ ގޮތުން "ސަން" އަށް މައުލޫމަތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ހުކުރު ދުވަހު ޕްރައިމަރީ އޮންނާނީ ކުޅުއްފުށީ އަދި ފުވައްލައް ސިޓީގެ އިތުރުން ޖުމްލަ 42 ރަށުގައި ކަމަށެވެ.
"42 ރަށުގައި 134 ވޯޓު ފޮށި ބެހެއްޓުން ވަނީ ނިންމާފައި. ޖުމްލަ 66 މަގާމަށް ޕްރައިމަރީ ބާއްވާނެ،" ހީނާ ވިދާޅުވިއެވެ.
ހިނާ ވިދާޅުވީ، މިހާރު ކުރަމުންދާ މަސައްކަތަކީ ރަށްތަކަށް ވޯޓު ފޮށި ފޮނުވުމާއި އިދާރީ މަސައްކަތްތައް ކަމަށެވެ.
އަތޮޅު ކައުންސިލް، ރަށު ކައުންސިލް އަދި ސިޓީތަކަށް ޖުމްލަ 1،146 ކެންޑިޑޭޓުން ވަނީ އެ ޕާޓީ ޕްރައިމަރީގައި ވާދަ ކުރުމަށް ފޯމު ހުށަހަޅާފައެވެ. ކެންޑިޑޭޓުންގެ ނަންބަރު މިހާރުވަނީ ތަރުތީބުކޮށްފައެވެ.
ހިނާ ވިދާޅުވީ، ޕްރައިމަރީއަކާ ނުލާ ޓިކެޓް ކަށަވަރުވި ބޭފުޅުންނާއި ވޯޓު ލެވޭ މީހުންގެ އަދަދު އެޕާޓީން ފަހުން އިއުލާން ކުރާނެ ކަމަށެވެ.
ޕީޕީއެމް އިން ހުކުރު ދުވަހު ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިދިކޮޅު އެމްޑީޕީން ވަނީ އެ ޕާޓީގެ ޕްރައިމަރީ މިދިޔަ ހުކުރު ދުވަހު ބާއްވާފައެވެ. އެމްޑީޕީން ބާތިލް ކުރި ގއ. އަތޮޅުގެ ޕްރައިމަރީއާއި އަލުން ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ ވޯޓުލުން އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.
ދެ ޕާޓީން ޕްރައިމަރީގެ ކަންކަން ކުރަމުންދާއިރު، ޖުމްހޫރީ ޕާޓީންވެސް ވަނީ އެޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ނިންމާފައެވެ. އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 12 ގައެވެ. އެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މާދަމާއަށެވެ.