04 Dec 2011, 17:03
ރާއްޖޭގައި ކޮރަޕްޝަން އިންތިހާ ދަރަޖައަށް އާލަވެ، ބައިނަލްއަގްވާމީ ގޮތުން އެންމެ ފަގީރު ވީރާނާވެފައިވާ ގައުމުތަކަށް ވުރެ ދަށު ދަރަޖަ އަށް ކޮރަޕްޝަންގެ އިންޑެކުހުގައި ރާއްޖެ ވެއްޓިފައިވާތީ މިސަރުކާރު ކޮރަޕްޝަނުގެ ނުބައި ވަބާ އިން ތޯހިރު ކުރުމަށް ޕީޕީއެމުން ގޮވާލާފި އެވެ.
ޕީޕީއެމްގެ މީޑިއާ ކޮމިޓީގެ މެމްބަރު އަޒުލީމް އަހުމަދު މިއަދު ވިދާޅުވީ ކޮރަޕްޝަނުގެ ނުބައި އަމަލުން މިސަރުކާރު ހައްދުފަހަނައަޅައި ގޮސްފައިވާ އިރު އެ މައްސަލަ ހައްލުކުރަން ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅައި ތިބޭތިމުގައި އެކަން ބަލަން ޕީޕީއެމަށް ހިންދެމިލައިގެން ނޯވެވޭނެ ކަމަށެވެ.
"މިގައުމުގައި ކޮރަޕްޝަން އިންތިހާ ދަރަޖަ އަށް ގޮސްފައި އޮތްއިރުގައި ސަރުކާރުން އެއްވެސް ފިޔަވަޅެއްނާޅައި ތިބުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. ކޮރަޕްޓްވެގެން ދާދިޔުން މިފެންނަނީ ހަމައެކަނި ވަކިބަޔަކަށް ފައިސާލިބުމެއް ނޫން. ރާއްޖޭގައި ވަޒީފާ ދިނުމުގައި ވެސް ކޮރަޕްޝަން ވަނީ ހިމެނިފައި. އަދި ރިސޯސަސްތައް ބެހިގެންދާ އިރު ސަރުކާރުގެ ބޮޑެތި ޕްރޮޖެކްޓްތައް ދިނުމުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދީފައި ހުންނަނީ. މިކަމަކީ ވަރަށް ނުރައްކާތެރިކަމެއް،" އަޒުލީމް ވިދާޅުވި އެވެ.
އަޒްލީމް ވިދާޅުވީ ކޮރަޕްޝަން ހައްދުފަހަނައަޅައި ދިއުމުން ރާއްޖޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުކުރަމުންދާ އިރު އެ މައްސަލާގައި ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ އެއް ބޭފުޅަކު އަނެއް ބޭފޫޅަކަށް އެއްޗެހި ވިދާޅުވެ، މަޖާކުރަމުން ގެންދަވާ ކަމަށާއ ކޮރަޕްޝަނުގެ އަމަލު ރާއްޖޭގައި އާއްމުވެގެން ގޮސްފައި ވަނީ އެކަމުގެ ސަބަބުން ދުނިޔޭގެ ލެވެލްގައި ރާއްޖެ އަށް ހުތުރުނަމެއް ލިބިގެންދާ ވަރަށް ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަށް އެއްވެސް ފިޔަވަޅެއްނާޅައި ސަރުކާރުން ހިމޭނުން އޮތް އޮތުމަކީ ޕީޕީއެމުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށާއި ސަރުކާރުން ކޮރަޕްޝަނުގެ ހުތުރު އަމަލާ ދެކޮޅަށް ފިޔަވަޅު އަޅަން ފަސްޖެހޭ ނަމަ ވަރުގަދަ މުޒާހަރާއެއް ކުރަން ޖެހިދާނެކަމުގެ އިންޒާރު ވަނީ އޭނާދެއްވައިފަ އެވެ.
ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އިން ކޮންމެ އަހަރަކު ނެރޭ ދުނިޔޭގެ ގައުމުތަކުގައި ކޮރަޕްޝަން އޮތް މިންވަރާއި އެކަމުގައި ގައުމުތައް ދަރަޖަކުރެވިފައިވާ ގޮތް ދައްކައިދޭ ރިޕޯޓްގައި ރާއްޖެ ފާއިތުވި ތިން އަހަރު ވެސް އުޅެނީ އިތިއޯޕިއާ އަށް ވުރެ ވެސް މާ ފަހަތުގަ އެވެ.
އެގޮތުން މި އަހަރު ރާއްޖޭގެ ސްކޯއަކީ 2.5 ކަމަށް ވިޔަސް އިތިއޯޕިއާ އަށް ވަނީ 2.7 ލިބިފަ އެވެ. ކޮރަޕްޝަންގެ ހާލަތު އެންމެ ގޯސް ގައުމުތަކުގެ ތެރޭގައި ދެ ގައުމު ވެސް ހިމެނޭ އިރު އިތިއޯޕިއާ އޮތީ 120 ވަނައިގަ އެވެ. ރާއްޖެ އޮތީ 134 ވަނައިގަ އެވެ.