04 Feb 2020, 14:05
ދެކުނުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް އޭނާގެ މަންމަ ޖިންސީ ގޯނާ ކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް މަންމައަކު ޖިންސީ ގޯނާކުރާ ކަމުގެ ރިޕޯޓެއް މި މަހުގެ ދެވަނަ ދުވަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށެވެ.
މިހާރު ޖިންސީ ގޯނާ ލިބުނު ކުއްޖާ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށާއި، ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އަދި ގޯނާ ލިބުނު ކުއްޖާގެ އިތުރުން އެ އަންހެން މީހާގެ ދެ ކުދިން ތިބޭ ކަމަށާއި، އެ ދެ ކުދިން ވެސް ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ 14 އަހަރުގެ ފިރިހެން ކުއްޖަކަށް އޭނާގެ މަންމަ (38އ) ޖިންސީ ގޯނާކޮށް، ބަދުއަހުލާގީ އަމަލު ހިންގާކަމުގެ މައްސަލައެއް މި މަހުގެ ދެވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން މިހާރު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.