04 Feb 2020, 13:57
ބަންގްލަދޭޝްގެ ޓީމުތަކުގެ ކުޅުންތެރިންނަށް ބަލާއިރު ވަކި ދަށް ކުޅުމެއް ކުޅޭ ކުޅުންތެރިޔަކު ނެތް ކަމަށާއި، އެކަމަކު ވަކި ވަކި ކުޅުންތެރިންގެ ހުނަރަށް ބަލާއިރު ކުރި ހޯދާނީ ރާއްޖެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ވައިސްކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ބުނެފި އެވެ.
އޭއެފްސީ ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް މާދަމާ ބަންގާޅުގައި ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިރޭ ބުނީ މި މެޗަށް އައީ މޮޅުވުމުގެ އަމާޒު ހިފައިގެން ކަމަށެވެ. އެހެން ކަމުން ރާއްޖެއަށް ދާން ބޭނުންވަނީ މެޗުން ތިން ޕޮއިންޓް ޔަގީންކޮށްގެން ކަމަށް އިރޭ ވަނީ ބުނެފަ އެވެ.

މާޒިޔާގެ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) މިފަހަރުގެ ލީގުގެ މެޗެއްގެއި ބޯޅަ ހޯދަން މަސައްކަތް ކުރަނީ --- ފޮޓޯ// އެފްއޭއެމް
"މާދަމާގެ މެޗަށް އަހަރުމެން ނުކުންނާނީ ސީދާ މޮޅުވާން. އެންމެ ފަހުވަގުތާ ޖެހެންދެން ވެސް ފައިޓް ކުރާނަން މޮޅުވެގެން ހޯމް މެޗު ކުޅެން ދެވޭތޯ. އެ އަޒުމުގަ ހުރިހާ ކުޅުންތެރިން ވެސް ތިބީ. އިރޭ ބުންޏެވެ.
މީގެ ހަތް އަހަރު ކުރިން ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި އިރޭ މާޒިޔާއާ ގުޅުނީ 2014 ވަނަ އަހަރު އެވެ. މިދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކުޅުންތެރިންގެ ތެރޭގައި އިރޭ ހިމެނެ އެވެ.
އިރޭ ވަނީ މާޒިޔާއާ އެކު ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ. އޭނާ އަކީ 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް އަދި އެ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގު މާޒިޔާ އިން ކާމިޔާބުކުރިއިރު ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ. އަދި މިފަހަރުގެ ލީގު މާޒިޔާއިން ބޮޑު ލީޑެއްގައި އޮވެ ކާމިޔާބު ކުރި އިރު ވެސް އިރޭގެ ހިއްސާ ބޮޑެވެ.
ސުޒޭންގެ އިރުޝާދުގެ ދަށުން އިރޭ ވަނީ 2014 ވަނަ އަހަރު ރާއްޖޭގެ އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އަދި ޒުވާން ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އެވެ.
"ބަންގްލަދޭޝްގައި ވެސް ނޫޅޭ ކަންނޭންގެ ދަށް ކުއްޖެއް. އެކަމަކު ރާއްޖޭގެ ކުޅުންތެރިންނާއި ބަންގްލަދޭޝް ކުޅުންތެރިންނަށް ބަލާއިރު ހުނަރުގެ ގޮތުން ރާއްޖޭގެ ކުޅުންތެރިން މާ މޮޅު ކަންނޭންގެ."
އަބަހާނީ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ.
މާޒިޔާގެ އިތުރުން މި ފަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރާނެ އެވެ. ޓީސީ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަންގެ ހައިސިއްޔަތުންނެވެ. ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ޓީސީ ކުޅޭއިރު، އެ ޓީމު ވަނީ 2018 ވަނަ އަހަރުގެ ކޮލިފައިން ބުރުގައި ވާދަކޮށްފަ އެވެ.