އޭއެފްސީ ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް މާދަމާ ނުކުންނަ އިރު މާޒިޔާ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި ޓީމުގެ ހުރިހާ ޑިޕާޓްމެންޓެއް ވެސް ވަރުގަދަ ވާނެ ކަމަށް އެ ޓީމުގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފި އެވެ.

ގައުމުން ބޭރުގައި މާދަމާ އަބަހާނީއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ބަންގްލަދޭޝްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސެކުލޮސްކީ ބުނީ ދިވެހި ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި މާޒިޔާ އޮތީ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. އަދި ލީގު ކާމިޔާބު ކުރުމުގެ ސަބަބުން ލިބުނު ހިތްވަރާ އެކު ކުޅުންތެރިން މިވަގުތު ތިބީ އޭއެފްސީގައި ކުރިއަށް ދިއުމަށް ވަރުގަދަ އަޒުމެއްގައި ކަމަށެވެ.

"މާދަމާގެ މެޗަކީ އަދި އެއް ހާފު. އަނެއް ހާފު ކުޅޭނީ އަންނަ ހަފްތާ ރާއްޖޭގައި. ޓީމުގެ އަބަދު ވެސް އަމާޒަކީ މެޗުން މޮޅުވުން. ރަނގަޅު ނަތީޖާއެއް މި މެޗުގައި ނެރެވިއްޖެ ނަމަ އަންނަ މެޗަށް ނުކުންނަ އިރު ވަރަށް ރަނގަޅަށް މަންޒަރު ސިފަ ވެފައި އޮންނާނީ. ޓީމު ވަރަށް ރަނގަޅަށް ތައްޔާރު،"

ސެކުލޮސްކީ ބުނީ ލީގުގެ ފަހު ބުރުގައި ގާތް ގާތުގައި މެޗުތައް ކުޅެން ޖެހުމުން ކުޅުންތެރިންގެ ވަރުބަލިކަން ހުރި ކަމަށެވެ. އެކަމަކު ލީގު ކާމިޔާބު ވުމަށް ފަހު ކުޅުނު ދެ މެޗުގައި ބައެއް ކުޅުންތެރިންނަށް ރެސްޓް ދީފައިވާ ކަމަށް ސެކުލޮސްކީ ވަނީ ބުނެފަ އެވެ.

"އަހަރެން ގަބޫލު ކުރަނީ މާދަމާގެ މެޗަށް ނުކުންނަ އިރު ޓީމު ފްރެޝް ވާނެ ކަމަށް. އެވަރަށް ވަގުތު ލިބިއްޖެ. ޓީމުގެ ހުރިހާ ޑިޕާޓްމެންޓެއް ވެސް ވަރުގަދަ. އެޓޭކިންގް ފޯހުން ފެށިގެން ޑިފެންޑަރުންނަށް ބަލާ އިރު ވެސް ކުޅުންތެރިން އެބަ ތިބި. ކުޅުންތެރިންނާ މެދު ބޮޑު އުންމީދެއް އެބައޮތް،"

މިއީ މެސެޑޯނިއާ އަށް އުފަން ސެކުލޮސްކީ މާޒިޔާ ގޮވައިގެން އޭއެފްސީ ކަޕްގައި ކުރާ ދެ ވަނަ ތަޖުރިބާ އެވެ. އެ ގޮތުން 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެ މެޗުގައި ވެސް ސެކުލޮސްކީގެ ކޯޗުކަމުގައި މާޒިޔާ އިން ވަނީ 2-0 އިން އަބަހާނީ ބަލިކޮށްފަ އެވެ. އެ ފަހަރު މާޒިޔާ އަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވުނީ ބެންގަލޫރާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ، ހެޑް ޓު ހެޑް ގަވާއިދުން ކުރި ނުލިބުމުންނެވެ.

ސެކުލޮސްކީ ބުނީ އޭރުގެ ހާލަތާއި މިހާރު ތަފާތު ކަމަށާއި އަބަހާނީ އާއި މާޒިޔާ ވެސް އޮތީ ބަދަލުވެފައި ކަމަށެވެ.

"މާޒިޔާގައި އޭރު ތިބި ހަ ކުޅުންތެރިން މިހާރު ތިބީ. އޭރާއި މިހާރު ވަރަށް ބޮޑަށް ތަފާތު. މާޒިޔާ އޭރު ވެސް ވަރުގަދަ މިހާރު ވެސް ވަރުގަދަ. އަބަހާނީ ޓީމަށް ބެލިޔަސް ބައިވަރު ބަދަލުތައް އެބަ ފެނޭ."

ކްލަބް ލައިސަންސްގެ ލިޔެކިޔުންތައް މައްސަލަ ޖެހި ރާއްޖޭގެ އެއްވެސް ކްލަބަކަށް އޭއެފްސީ ލައިސަންސް ނުލިބޭތީ މިދިޔަ އަހަރު އޭއެފްސީ ކަޕްގައި ރާއްޖޭގެ އެއްވެސް ޓީމަކުން ނުކުޅެ އެވެ. އެއާ އެކު ރާއްޖޭގެ ކުޅުންތެރިންނަށް ކްލަބް ލެވަލްގައި ބައިނަލްއަގުވާމީ މެޗުތައް ގެއްލުނެވެ.

އަބަހާނީ އާއި މާޒިޔާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ.