04 Dec 2011, 16:42
ޤާހިރާ (ޑިސެމްބަރ 4) : މިސްރުގެ ޕާލަމެންޓްރީ އިންތިޚާބުގެ ފުރުތަމަ ބުރުގެ ނަތީޖާ ޤަބޫލުކުރުމަށް މިއިންތިޚާބުގައި ކުރިހޯދި "އިޚްވާންއަލްމުސްލިމީން" ޖަމާއަތުން މިސްރުގެ އެހެން ޕާޓީތަކަށް ގޮވާލައިފި އެވެ.
މިސްރުގެ ޕާލަމެންޓްރީ އިންތިޚާބުގެ ފުރުތަމަބުރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މިއިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އިސްލާމީ ޚިޔާލުގެ "އިޚްވާންއަލްމުސްލިމީން" ޖަމާޢަތުގެ ސިޔާސީ ގޮފިކަމަށްވާ ފްރީޑަމް އެންޑް ޑިވެލޮޕްމެންޓް ޕާޓީ އެވެ. ދެ ވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެސް އިސްލާމީ ޚިޔާލުގެ ޕާޓީއެއް ކަމަށްވާ ސަލަފީންގެ ޕާޓީ އެވެ.
މިއިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާގައި ޢިލްމާނީން ޚިޔާލުގެ މީހުން އުޅެނީ ސަލަފީންނަށް ވުރެ ވެސް ފަހަތުގަ އެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ހިމެނެނީ ޤާހިރާ އާއި އިސްކަންދަރިއްޔާ ފަދަ ބޮޑެތި ސިޓީތަކެވެ. މިސިޓީތަކަށް ވުރެ އިސްލާމީ ޚިޔާލުގެ މީހުންނަށް ތާއީދު ބޮޑުކަމަށް ވަނީ ރަށްފުށުގެ ހިސާބުތަކުގަ އެވެ. މީގެ ދެ ހަފްތާ ފަހުން ބޭއްވުމަށް ހަމަޖެހިފައިވާ ދެ ވަނަ ބުރުގައި ހިމެނެނީ ރަށްފުށުގެ ހިސާބުތަކެވެ. މިއާ އެކު ފުރަތަމަ ބުރަށް ވުރެ ދެވަނަ ބުރުގައި އިސްލާމީ ޚިޔާލުގެ ޕާޓީތައް މާބޮޑު ކާމިޔާބެއް ހޯދާނެކަމަށް ވަނީ އަންދާޒާކުރެވިފަ އެވެ.
އެހެންކަމުން މިސްރުގެ އެންމެ ވަރުގަދަ ސިޔާސީ ބާރަކަށް މިހާރުވެފައި ވަނީ އިސްލާމީ ޚިޔާލުގެ ޕާޓީތައް ކަމަށާއި އޭގެތެރެއިން ވެސް އެންމެ ވަރުގަދަ ސިޔާސީ ބާރަކީ "އިޚްވާންއަލްމުސްލިމީން" ކަމަށް މިސްރުގައި ޝާއިޢުކުރެވޭ މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ދުވަސްވަރުގައި ވަކިޖަމާއަތެއްގެ ގޮތުގައި "އިޚްވާންއަލްމުސްލިމީން" ވަނީ މަނާކޮށްފަ އެވެ. ނަމަވެސް މުސްތަޤިއްލު ބައެއްގެ ގޮތުގައި ވަރަށް ރޭވުންތެރި ގޮތަކަށް އިޚްވާނުން ގެންދިޔައީ ސިޔާސަތުގެ ތެރެއަށް ވަދެ މިސްރު ރައްޔިތުންގެ ހިތްތައް ފަތަޙަ ކުރަމުންނެވެ. އެހެންކަމުން އިޚްވާނުންނަކީ މިސްރުގައި އެންމެ ސިޔާސީ ތަޖްރިބާބޮޑު އަދި އެންމެ ރޭވުންތެރި އަދި ޢިލްމީ ގޮތުން އެންމެ ފުންނާބުއުސް ސިޔާސީ ޖަމާއަތްކަމަށްވަނީ ވެފަ އެވެ.
ސަލަފީންނަކީ ކުރިން ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެނޫޅޭ ބައެއްކަމަށް ވާތީ އެމީހުންނަކީ މިސްރުގެ ސިޔާސީ މައިދާނަށް މުޅިން އައު އަދި ތަޖްރިބާ މަދުބައެކެވެ. މިފަހަރުގެ އިންތިޚާބުގައި ސަލަފީން ދެވަނަ ހޯދިނަމަވެސް އެމީހުންއުޅެނީ އިޚްވާނުންނަށްވުރެ ތަފާތު ބޮޑުގޮތެއްގައި މާފަހަތުގަ އެވެ.
މިސްރުގެ ވެރިކަން އިސްލާމީ ޚިޔާލުގެ ޕާޓީތަކުގެ އަތްމައްޗަށް ދާނެކަން މިހާރު ކަށަވަރުވުމުން މިސްރުގެ ޢިލްމާނީ ޕާޓީތަކުގެ އިތުރުން އެމެރިކާ އާއި އިސްރާއީލާއި ޔޫރަޕްގެ ޤައުމުތައް ކަންބޮޑުވެފައިވާ ކަމަށްޚަބަރުލިބެ އެވެ. (ރޮއިޓާސް)