04 Feb 2020, 11:51
މާލޭގައި ހުންނަ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފިއެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރ ޝިހާދު އިބްރާހީމެވެ.
އެސްޖޭއާ އެ މަސައްކަތް ހަވާލުކުރީ 74.9 މިލިއަން ރުފިޔާއަށް، އެއް އަހަރު ދުވަހުން ނިންމާގޮތަށެެވެ.
ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް އަޅަނީ މާލޭ ޖަލު ހުރި ކޮއްޓާއެކު ޖެހިގެން ހުރި ކޮއްޓާ ދެކޮށި އެއްކޮށްލައިގެން ހިމެނޭ ސަރަހައްދުގައެެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާ ސްކޫލްގެ މަސައްކަތް އަންނަ އަހަރު އޭޕްރީލްމަހު ނިމޭނެކަމަށް ބެލެވޭ ކަމަށާއި، މިހާރު ދަރުމަވަންތަ ސްކޫލު ހިންގާ ވަގުތީ އިމާރާތުގައި ކިޔަވާ ދަރިވަރުންނަށް އާ ސްކޫލުގައި ކިޔެވެން ފެށޭވަރު ވާނެ ކަމަށެވެ.
އާ ސްކޫލްއަކީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލްއެކެވެ. އާ ސްކޫލްގައި ޖުމްލަ 41 ކްލާސްރޫމް ހިމެނޭއިރު ކޮންމެ ކްލާހަކުން ޖާގަދޭނީ ގިނަވެގެން 25 ކުދިންނަށްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ދަރުމަވަންތަ އާ ސްކޫލްއަކީ 1،000 ކުދިންގެ ޖާގައިގެ ސްކޫލްއެކެވެ. އެ ސްކޫލްގައި ޕްރައިމަރީ އަދި ސެކެންޑްރީ ގްރޭޑްތަކަށް ދެ ބުރީގެ ލައިބްރަރީއެއް ހިމެނޭއިރު މަސައްކަތު މީހުންނަށް ހާއްސަ ޖަގަހަ ތަކަކާއި އިތުރު ހަރަކާތްތައް ހިންގާނެ ގިނަ ރޫމްތައްވެސް ހިމެނޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
މަޖީދިއްޔާ ސްކޫލު ދެބައިކޮށް، 2002 ވަނަ އަހަރު ދަރުމަވަންތަ ސްކޫލު އުފެއްދި އިރު، އެ ސްކޫލުވެސް އޮތީ ފިރިހެން ކުދިންނަށް ސާނަވީއަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައެވެ. ނަމަވެސް 2011 ވަނަ އަހަރު މާލޭގެ މަޖީދިއްޔާ ސްކޫލް، އަމީނިއްޔާ ސްކޫލު އަދި ހިރިޔާ ސްކޫލާއެކު ދަރުމަވަންތަ ސްކޫލުގައި ގްރޭޑް އެކެއް ތައާރަފުކުރިއެވެ. އަދި ފިރިހެން ކުދިންގެ އިތުރުން އަންހެންކުދިންނަށްވެސް އެ ސްކޫލުން ޖާގަ ދޭން ފެށިއެވެ.
ދަރުމަވަންތަ ސްކޫލު ހިންގި އިމާރާތް ވީރާނާވެ، އެތަނުގައި ކިޔަވައިދޭން ރައްކާތެރިނުވުމުގެ ސަބަބުން ވެލާނާގެ ކައިރީގައި ވަގުތީ އިމާރާތެއް އަޅައި، ސްކޫލުގެ ކިޔެވުން އެތަނަށް ބަދަލުކުރިއެވެ. އެތަނުގައި ކިޔަވައިދޭން ފެށީ 2016 ވަނަ އަހަރުއެވެ.