04 Feb 2020, 13:22
ބެއިޖިންގް (28 ފެބްރުއަރީ 2020) : ކޮރޯނާ ވައިރަސް އައު ރޯގާގެ ސަބަބުން ޗައިނާއަށް ކުރިމަތިވި މުސީބާތް ކިތަންމެ ބޮޑު ނަމަވެސް އެ ބޮޑު މުސީބާތާ ކުރިމަތިލުމުގައި އެމެރިކާގެ މަދަދާއި އެހީތެރިކަން ލިބިފައިނުވާ ކަމަށް ޗައިނާއިން ބުނެފި އެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ހުވާ ޗުއިނިންގް ވިދާޅުވީ ރޯގާތަކާއި ގުދްރަތީ ކާރިސާތައް ކުރިމަތިވާހިނދު އެއްގައުމު އަނެއް ގައުމަށް އެހީތެރިވުމަކީ ބައިނަލްއަގްވާމީ އާދަކާދަތަކުގެ ތެރޭގައި ހިމެނޭކަމެއް ނަމަވެސް ކޮރޯނާ ވައިރަސް އައު ރޯގާއާ ގުޅިގެން އެމެރިކާގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ޗައިނާއަށް ލިބިފައިނުވާ ކަމުގަ އެވެ. އަދި އެމެރިކާ ވެގެންދިޔައީ ޗައިނާއިން އެންމެ ފުރަތަމަ ޑިޕްލޮމެޓުން ބޭލި ގައުމު ކަމަށާއި ކޮރޯނާ ރޯގާއަށް ފަހު ޗައިނާގައި ތިބޭ އެމެރިކާގެ ޑިޕްލޮމެޓުންގެ ތެރެއިން ގިނަ ބަޔަކު އަނބުރައި އެމެރިކާއަށް ގެންގޮސްފައިވާ ކަމަށާއި އެހެން ގައުމުތަކުން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ޗުއިނިންގް ވިދާޅުވި އެވެ. މީގެ އިތުރުން ކޮރޯނާ ވައިރަސް އާ ގުޅިގެން އެމެރިކާ އިން ބިރުވެރި ދޮގު ވާހަކަތައް ފަތުރަމުން ގެންދާ ކަމަށާއި އެމެރިކާ ފަތުރާ ވާހަކަތަކަކީ އެ ވައިރަސްގެ ހަގީގަތާ އިލްމީ ގޮތުން ނުގުޅޭ ދޮގު ވާހަކަތަކެއް ކަމަށް ވެސް ޗުއިނިންގް ވިދާޅުވި އެވެ.
އެމެރިކާގެ ވިޔަފާރިއާބެހޭ ވަޒީރު ވިލްބާ ރޮސް ވަނީ ޗައިނާގައި ކޮރޯނާ ވައިރަސް ފެތުރުމުގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ބޮޑު ފައިދާ ކުރާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާގެ އުފެއްދުންތައް ދަށްވެގެންދާނެ ކަމަށާއި އެތަކެތީގެ ބަދަލުގައި އެމެރިކާގެ އުފެއްދުންތައް އިތުރަށް ގަންނަން ޗައިނާއަށް މްޖްބޫރުވެ އެމެރިކާއަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ވެސް އެމެރިކާގެ ވިޔަފާރިއާ ބެހޭ ވަޒީރު ވިދާޅުވެފައިވެ އެވެ.
މިމައްސަލާގައި އެމެރިކާގެ އެތެރެއިން ވެސް ވަނީ އެމެރިކާ ސަރުކާރަށާއި އަދި ވިޔަފާރިއާބެހޭ ވަޒީރު ރޮސްއަށް ބޮޑެތި ފާޑުކިޔުންތަކެއް ރައްދުވެފަ އެވެ. މިގޮތުން ރަހުމެއްނެތް ހަމައެކަނި މާއްދިއްޔަތަށް ގޮސް ހުސްވެފައިވާ ގައުމެއްގެ ގޮތުގައި އެމެރިކާ ލޭބަލް ވެގެންދިޔުމަކީ އެމެރިކާ ރައްޔިތުން އެދޭގޮތް ނޫންކަމަށާ ބައްޔެއްގައި ޗައިނާގެ އާންމުންގެ އެތައް ބަޔަކު މަރުވެ ފަނާވަމުން ދާއިރު އެކަމުގެ އިގްތިސާދީ ފައިދާ ނަޖާއިޒު ގޮތެއްގައި ނަގަން އެމެރިކާ ސަރުކާރުން މަސައްކަތްކުރުމަކީ އިންސާނިއްޔަތުގެ ކަންފުޅެއް ވެސް ނެތް ލަދުވެތި ކަމެއް ކަމަށް އެމެރިކާގެ އާންމުން ސޯޝަލް މީޑިއާ ބުނެފައިވެ އެވެ.
އިގްތިސާދީ ތަޖްރިބާކާރުން ވިދާޅުވާ ގޮތުގައި ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާއަށް ލިބޭ ގެއްލުންތަކުގެ ބަދަލުގައި އެގައުމަށް ބޮޑު ފައިދާއެއްވެސް ލިބޭނެ އެވެ. އެއީ ޗައިނާގެ 300 މިލިޔަނެއްހާ ރައްޔިތުން، ފަތުރުވެރިންގެ ގޮތުގައާއި އެނޫން ބޭނުންތަކުގައި ދުނިޔޭގެ އެކި ގައުމުތަކަށް ކުރާ ދަތުރުތައް ހުއްޓުމަކަށް އައުމުން އެގައުމުން ބޭރުފައިސާ ބޭރުވާމިންވަރު ހުއްޓުމަކަށް އައިސް ބޭރު ފައިސާ ޗައިނާގެ އެތެރޭގައި ހިފެހެއްޓިފައި ހުރުމުން ލިބޭނެ ފައިދާ އެވެ.
ކޮރޯނާ ވައިރަސް އައު ރޯގާގެ މައްސަލާގައި އެމެރިކާ ދުނިޔޭގައި ބިރުވެރިކަން އުފެއްދި ނަމަވެސް އެކަން އެމެރިކާއަށް ކާމިޔާބުވެފައެއް ނުވެ އެވެ. ސަބަބަކީ ޑޮކްޓަރުންނާއި ސިއްޙީ ތަޖްރިބާކާރުންގެ ލަފާތައް އެމެރިކާ ފަތުރާ ދޮގު ޚަބަރުތަކާ ފުށުއަރާތީ އެވެ. އެމެރިކާގެ އަމަލުތައް މިގޮތަށް ހުރި ނަމަވެސް ލަސްތަކެއްނުވެ ކޮރޯނާ ވައިރަސް ރޯގާގެ މުސީބާތުން ސަލާމަތްވެވޭނެ ކަމުގެ ޔަގީންކަން ޗައިނާއަށް އޮތްކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ހުވާ ޗުއިނިންގް ވިދާޅުވި އެވެ.
ކޮރޯނާ ވައިރަސް ޖެހޭ މީހުން ގެ ތެރެއިން ގިނަ ބަޔަކު އަންނަނީ ރަނގަނޅުވަމުން ކަމަށް ޗައިނާ ބުނެ އެވެ. ގިނަ ބަޔައަކު ރަނގަނޅުވަމުން ދިޔުމަކީ އެ ބައްޔަށް ފަރުވާ ހޯދޭނެކަމުގެ އުންމީދު ބޮޑުވަމުންދާ ކަމެއްކަމަށް ޗައިނާގެ ސިއްޙަތާބެހޭ މަސްއޫލުވެރިން ވަނީ ވިދާޅުވެ އެވެ. ޗައިނާގެ އެންމެ ބޮޑު އިސްކަމެއް ދެނީ އެގައުމުގެ ހުރިހާ ސެކްޓަރުތަކެއް ގުޅިގެން ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށެވެ. އެކަން ކުރެވިއްޖެ ނަމަ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރެވޭނެކަމަށް ޗައިނާގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވަ އެވެ. (އަލްޖަޒީރާ + ނޫސްއެޖެންސީތައް)