ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރިން ބޭނުންކުރި ކޮމްޕިއުޓަރުތަކުގެ ތެރެއިން 60 ކޮމްޕިއުޓަރު، އައްޑޫ ސިޓީ ހިތަދޫ ސްކޫލަށް ހަދިޔާކޮށްފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ނަޝީދު ވަނީ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދުދީދީއަށް ފޯނުން ގުޅުއްވައި ސްކޫލާ ގުޅޭގޮތުން މައުލޫމާތު ސާފުކުރައްވައި އަދި ސްކޫލަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުއްވައިފައެވެ.

މަޖިލީހުގައި ކުރިން ބޭނުންކުރަމުން ދިޔަ ކޮމްޕިއުޓަރު ސިސްޓަމްތައް ހިތަދޫ ސްކޫލަށް ހަދިޔާކުރީ އެ ސްކޫލުން މަޖިލީހުގެ އިދާރާގައި އެދުނު އެދުމަކާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ މެމްބަރުން ކުރިން ބޭނުންކުރި ކޮމްޕިއުޓަރުތައް ހިތަދޫ ސްކޫލަށް ފޮނުވީ، މަރާމާތަށް ފަހު ކަމަށެވެ.

މަޖިލީހުގައި މެމްބަރުން ޓެބްލެޓް ބޭނުންކުރަން ފެށުމާ ގުޅިގެން، ކުރިން ބޭނުންކުރަމުން ދިޔަ ކޮމްޕިއުޓަރުތައް ހުރީ ބޭނުން ނުކޮށް ބަހައްޓައިފައެވެ.

މަޖިލީހަށް ކޮމްޕިއުޓަރުތައް ގަނެފައި ވަނީ 757،700 ރުފިޔާއަށް ކަމަށާއި، މަރާމާތުކުރުމަށް ހަރަދެއް ގޮސްފައި ނުވާކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެހެން ނަމަވެސް ވަރަށް ނާޒުކު މަސައްކަތެއް ކުރާން ޖެހުނު. އެއީ އިއްޒަތްތެރި މެމްބަރުންގެ މެމަރީ ފޮހެލުން، ކޮމްޕިއުޓަރުގައި ހުރި. އޭގެ ތެރޭގައި އިއްޒަތްތެރި މެމްބަރުން ވަދެވަޑައިގެންފައި ހުރި ސައިޓުތަކާއި އެހެން މައުލޫމާތުތައް ވެސް ހިމެނޭ މެމަރީ، [ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހްމަދު ފާއިޒް މުހައްމަދު] ވަރަށް ކެތްތެރިކަމާއެކު ފޮހެލުއްވާފަ ވަނީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ހިތަދޫ ސްކޫލަށް ހަދިޔާކުރި ތަކެއްޗަކީ ބޭނުންތެރި ތަކެއްޗަށް ވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ގްރޭޑް އެކަކުން ފެށިގެން ގްރޭޑް 10 އަށް ކިޔަވައިދޭ ހިތަދޫ ސްކޫލުގައި 986 ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ. އެ ސްކޫލުގައި ކިޔަވައިދޭން ފެށީ 1974 ވަނަ އަހަރު، އައްޑޫ އިންގްލިޝް ޕްރައިމަރީ ސްކޫލުގެ ނަމުގައެވެ.

ނަޝީދު ވަނީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގައި ބޭނުންކުރާ ތަކެތި އާ ކުރާނަމަ، ނީލަން ފިހާރައަށް ފޮނުވުމުގެ ބަދަލުގައި އެ ތަކެތި މަރާމާތުކޮށް، އެ ތަކެތި ބޭނުންވެދާނެ ވުޒާރާއެއް ނުވަތަ ތަނަކަށް ހަދިޔާ ކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން ނީލަން ފިހާރައަށް ފޮނުވުމުގެ ބަދަލުގައި ކޮންމެ ވުޒާރާއަކުން ވެސް ކޮންމެ އިދާރާއަކުން ވެސް އެ ތަކެތި މަރާމާތު ކޮށްލައްވާފައި ދެން ބޭނުން ކުރާ އެހެން މީހަކު، އެހެން ވުޒާރާއެއް، އެހެން ތަނެއް ހުރިތޯ ބައްލަވާފައި، ހުރިނަމަ އެ ތަކެތި އެތަނަކަށް ދެއްވުން،" ނަޝީދު ވިދާޅުވިއެވެ.