އަވަށްޓެރި ސްރީލަންކާގައި 2008 ވަނަ އަހަރު އޮތް ސާފް ޗެމްޕިޔަންޝިޕްގެ ފައިނަލްގާ ހަ ހާސް ދިވެހި ސަޕޯޓަރުންނާއި ދައުލަތުގެ އިސްވެރިންގެ ޚާޒިރުގައި މި މުބާރާތުގެ ތަށި ދިވެހިން ހޯދިތާ މިހާރު ތިން އަހަރުވެފައިވާއިރު، 2009 ވަނަ އަހަރުގެ މުބާރާތުގައި ބަންގާޅުގައި މި މުބާރާތުގެ ފައިނަލްގާ މިހާރު ހުރި ކޯޗް އިސްތަފާން ޢުރްބާނީގެ އެދުރުކަމުގެ ދަށުގައި ކުޅެފައިވާއިރު، މިއަހަރުގެ މުބާރާތަށް ރާއްޖެއިން ހޮވާލެވުނު ޓީމުގައި ކުރީ ދެ މުބާރާތުގެ ތަޖުރިބާކާރުން ގިނަވެފައި، މިހާރު ހުރިކޯޗަކީ ވެސް މިމުބާރާތަށް އާމީހަކަށް ނުވާތީ، މިއަދުގެ މެޗްގައި ދިވެހިންނަށް މޮޅު ނުވެވޭންވީ އެއްވެސް ސަބަބެއް ނެތެވެ.

އަދި ޤަބޫލުކުރެވޭ ގޮތުގައި 2009 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް މަރުޙަލާގެ ފުރަތަމަ މެޗުން ނޭޕާލް އާއި އެކު ކުޅެ އެއްވަރުވިފަދައިން މިއަހަރުގެ މުބާރާތުގައި މި މަރުޙަލާގައި ހަމަ ނޭޕާލާއި އެއްވަރުވެފައިވާތީ ދިވެހި ކުޅުންތެރިންނަށް މި ނަތީޖާއިން މާބޮޑު ފިނިވުމަމެއް އައިސްގެން ވާނެ ކަމަކަށް ނުފެނެއެވެ.

މިއަދު ދިވެހިން ބައްދަލުކުރާ ޕާކިސްތާނު ވެސް އެޓީމުގެ ފުރަތަމަ މެޗްގައި ބަންގްލަދޭޝް އާއި އެކުކުޅެވަނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. ނަމަވެސް މިދެ ޓީމް މިމެޗަށް ނުކުންނައިރު ތަފާތަކީ ޕާކިސްތާން ބަންގްލާދޭޝް އާއިއެކުކުޅު ނުމެޗުގައި ބަންގާޅަށްވުރެ ރަނގަޅަށް ކުޅެފައިވާކަމެވެ. އަދި ގިނަ ހުސް ފުރުސަތުތަކެއް ލިބި ގެއްލިފައިވާކަމެވެ. ނަމަވެސް ދިވެހިން ނޭޕާލް އާއި އެކުކުޅުނު މެޗްގައި ބައްޔެއް ނޭނގި މަރުވަމުން ދިޔަ މީހެއް ފަދައިން ޓީމަށް ނުކުޅެވޭ ސަބަބުތައް ރަނގަޅު ނުކުރެވިގެން އުޅެނިކޮށް މެޗް އެއްވަރުވީކަމެވެ.

ދުނިޔޭގެ 174 ވަނައަށް ދަރަޖަ ކުރެވިފައިވާ ޕާކިސްތާންގެ ކޯޗަށް މިއަދު އޮތް ފުރުސަތަކީ ފީފާގެ 166 ވަނަ ދަރަޖާގައި އޮތް ދިވެހިރާއްޖެ ބަލި ކުރުމެވެ. ނަމަވެސް ނޭޕާލް އާއި އެކު ކުޅުނުމެޗްގައި ޓީމުގައި ހުރި މައްސަލަތަކަށް ބަލާ، ޕާކިސްތާން އާއި ބަންގްލަދޭޝް ކުޅުނުމެޗަށް ބިނާކޮށް ޕާކިސްތާން ބަލިކުރުމަށް ޢުރުބާނީއާއި އޭނާގެ އެހީތެރި އެދުރުންނަށް އުކުޅުތައް ރޭވިއްޖެނަމަ، އަޝްފާޤާއި ދިވެހިންގެ ޓީމަށް އިސްކޮޅުން ބިޔަ ޕާކިސްތާން ބަލިކުރުމަކީ އުނދަގޫކަމަކަށް ނުވާނެއެވެ.

ވެތުވެދިޔަ މެޗަށް ބަލާއިރު ޕާކިސްތާނުގެ މައިގަނޑު މައްސަލައެއްކަމަށް ފާހަގަ ކުރެވުނީ، ޓީމުގެ ކުރީގައި ކުޅެމުންދިޔަ މަސްފަލަ ފޯވަޑުންގެ ބަދަލުގައި ލަނޑުޖަހާލެވޭކަހަލަ ހަލުވި ފޯވާޑެއް ނެތްކަމެވެ. ޕާކިސްތާން ޓީމްގެ ފައިދާ ތަކަށް ބަލާއިރު އެޓީމުގެ ވާތްފަރާތު ފުލްބެކް ޖާޒީ ނަމްބަރު ދޭއް، ސަމަރު އިއްޝާޤްގެ ކުޅުމެވެ. މީނާގެ ކުޅުމުގައި ދިވެހިންނަށް އެންމެ އުނދަގޫ ކަމެއް ކުރިމަތި ކުރުވާނީ މީނާ ވާތްފަރާތު އަރިމަތިން ހަމަލައަށް އަރާ ވަގުތުތަކުގައި ޕާކިސްތާންގެ މެދުތެރެއިން އަދްނާން އަޙްމަދުގެ އެހީތެރިކަން މީނާއަށް ލިބުމުން ވިންގް ކުޅުންތެރިއެއް ފަދައިން މީނާ އިދިކޮޅު ޓީމުގެ އޭރިޔާތެރެއަށްވަދެ ހަމަލާދެއެވެ.

ދިވެހިން މީނާގެ ކުޅުން މައިތިރިކުރަން ވިސްނާނަމަ، ފުރަތަމަ ދިފާޢުކުރަންވާނީ މީނާ އާއި ދިމާލުގައި ހުންނަ މިޑްފީލްޑް ސަމްވީލް ޤާސިމް (ބޮންޑާ) ނުވަތަ އިބްރާޙިމް ފަޒީލް އޮއްޕޮ އެވެ. ނޫންނަމަ ދިވެހި ޓީމުގެ ކަނާތު ބެކް އުމެއިރުއަށް ޖެހޭނީ ޕަކިސްތާންގެ ދެ ކުޅުންތެރިން މައިތިރިކުރުމަށް އުނދަގޫ މަސައްކަތްތަކެއް ކުރާށެވެ.

ޕާކިސްތާން ޓީމުގެ ފޯވާޑަކަށް ވޭތުވެދިޔަ ބަންގްލަދޭޝް މެޗްގައި ކުޅުނު ޖާރޒީ ނަމްބަރު ހައެއް އާތިފް ބަޝީރުކުޅެ ހަޤީޤީ މަޤާމަކީ ދިފާޢީ މެދުތެރެ ނުވަތަ ސެންޓްރަލް ޑިފެންސެވެ. ވީމާ، ޤަބޫލުކުރެވެނީ މިޔަދުގެ މެޗްގައި އަޝްފާޤް މައިތިރި ކުރުމަށް ޕާކިސްތާން ޓީމުން އާތިފް ބަޝީރު ބޭނުން ކޮށްފާނޭ ކަމަށެވެ. ޕާކިސްތާން ޓީމްގެ ދިފާޢީ މެދުތެރެ އަދްނާން އަޙްމަދަކީ ފުރިހަމަ ޕާސްތަކެއް ކުރުމުގެ ޤާބިލިއްޔަތު ހުރި މީހަކަސްވާތީ މީނާގެ ފަރާތުން ދެފަރާތު އަރިމައްޗަށް ނުރައްކާތެރި ތުރޫ ޕާސްތަކެއް ކުރާނޭ ކަމަށް ބެލެވެއެވެ. އަދި ޕާކިސްތާނުގެ ކަނާތް ފަރާތު އަރިމައްޗަކީ ހަލުވި ވިންގެއް ހިމެނޭ ސަރަޙައްދަކަށް ވެފައި އެފަރާތުން ވޭތުވެދިޔަ މެޗްގައި ގިނަ ހުރަސްތަކެއް ނަގާފައިވާތީ ދިވެހި ޓީމުގެ ވާތުބެކް ޝާފިޢު ވަރަށް ސަމާލުވާން ޖެހޭނޭކަމަށް ފެނެއެވެ.

ރާއްޖޭގެ ޓީމު ނޭޕާލާއި އެކު ކުޅެފައިވާ މެޗްގައި އާދައިގެ ފެންވަރަކަށް ކުޅެ ނޭޕާލްގެ މެދުތެރެއާއި ހަމަލާވެރިން މަތިރި ކުރުމުގައި އުނދަގޫތަކެއް ކުރިމަތި ކުރުވިނަމަވެސް މިއަދު މިކުޅެނީ މުޅިން އެހެން ވައްޓާފާޅިއަކަށް ކުޅޭ އެހެން ޓީމަކާއެވެ. ވީމާ، ޤަބޫލު ކުރެވެނީ މިއަދުގެ މެޗަށް ކޯޗް ޓީމު ރަވާނީ ޕާކިސްތާން އާއި ކުޅެންކަމަށެވެ.

މިއަދުގެ މެޗްގައި ޤައުމީޓީމުގެ ގޯލްގައި އިމްރާން ހުރެ، ދިފާޢީ ކުޅުންތެރިންގެ ގޮތުގައި އަކްރަމާއި އައްސަދު ނުވަތަ އައްސަދުގެ ބަދަލުގައި ޖަމީލު އެރުވުން ގާތެވެ. ކަނާތު ބެކަށް ޢުމެއިރު ކުޅޭއިރު ވާތުބެކަށް ކުޅޭނީ ޝާފީ ނުވަތަ ޝާފީ މެދުތެރެއިން އައްސަދުގެ ބަދަލުގައި ކުޅުވުންވެސް ގާތެވެ. މެދުތެރޭގައި ބަކާ އާއި ބޮންޑާ ތިބޭއިރު މިއަދުގެ މެޗްގައި އައްސަދު އަޑުބަރޭ ކުޅުންވެސް ގާތެވެ.

މެދުތެރެއިން ހަމަލާދިނުމަށް އޮއްޕޮ އަދި ކުރީގައި ހަމަލާދިނުމަށް ޓޮމް ހުންނައިރު ޓޮމްގެ ފަހަތުން ހުސްޖާގަ ތަކަށް ދުވުމަށް ފްރީކުޅުންތެރިއެއްގެ ގޮތުގައި އަޝްފާޤް ހަރަކާތްތެރިވާނޭ ކަމަށް ބެލެވެއެވެ. ވޭތުވެދިޔަ މެޗަށް ބަލާއިރު މިއަދުގެ މެޗަށް ކޯޗް ބަދަލުތަކެއް ގެނައުން އެކަށީގެންވެއެވެ. މިގޮތުން އަދްޙަމްގެ ބަދަލުގައި އަޑުބަރޭ އައްސަދު އަދި އައްސަދު އަބްދުލްޤަނީގެ ބަދަލުގައި ޖަމީލުކުޅެން ނެރުން ގާތެވެ. މެޗްގެ ކުޅުމަށް ވިސްނާލާއިރު ޕާކިސްތާނުން ކުޅޭނީ ވަރަށް ހަރުކަށި ބާރުގެ ބޭނުންކުރާ ކުޅުމެއް ކަމަށް ފެނެއެވެ. އަދި ދިވެހިންނަށް ފުރަތަމަ 10 މިނެޓްގެ ތެރޭގައި މެޗްގެ ތެރެއަށް ނުވަދެވިއްޖެނަމަ ޕާކިސްތާނުގެ އުނދަގޫ ބޮޑުވާނޭކަމަށް ލަފާކުރެވެއެވެ.