03 Feb 2020, 22:55
ބ. ގޮއިދޫގައި ގިނަ އަދަދެއްގެ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މުދިމުގެ މައްސަލަ ހައިކޯޓުގައި އޮއްވައި އަނބުރާ ގެންދަން ނިންމި ސަބަބު އެ މައްސަލައިގައި ގެއްލުންވި އާއިލާތަކަށް ސާފުކޮށްދޭން އެ ރަށަށް ވަޑައިގަންނަވަން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ނިންމަވައިފި އެވެ.
ގޮއިދޫ މުދިމުގެ މައްޗަށް ދައުވާކުރީ 2006 ވަނަ އަހަރުގެ މައްސަލައެއްގަ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި ފެށިތާ 10 އަހަރު ފަހުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެ މައްސަލައިގެ ހުކުމް ވަނީ އިއްވައިފައެވެ.
ކްރިމިނަލް ކޯޓުން ހުކުމް ކުރީ ދައުވާ ސާބިތު ނުވާ ކަމަށެވެ. އެހެންކަމުން، ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެ މައްސަލައިގެ އަޑުއެމެއްވެސް ހައިކޯޓުގައި ބާއްވާފައި ވަނިކޮށް ހައިކޯޓުން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު ބިނާކޮށްފައި އޮތީ ކުރީގެ ގާނޫނު އަސާސީގެ އުސޫލުތަކުގެ މަތިން ކަމަށެވެ. އެ މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ބަލާއިރު މިހާރުގެ ގާނޫނު އާސާސީގައި ޖިނާއީ ކުށެއް ޝަރީއަތަށް ސާބިތު ކުރަން ޖެހޭ މިންގަނޑަށް ފެތޭ އެއްވެސް ހެއްކެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން، ހައިކޯޓުގައި އެ މައްސަލައިގައި ޕީޖީ އޮފީހަށް ވަކާލާތު ކުރެވެން އޮތީ މިހާރުގެ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ޝަފީއު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މައްސަލަ އަނބުރާ ގެންދަން ނިންމީ ގާނޫނު އަސާސީއާ ހިލާފަށް ވަކާލާތު ކުރަން ޖެހޭތީ އެވެ.
ޝަފީއު ވިދާޅުވީ، ޕީޖީ ވަރަށް އަވަހަށް އެ މައްސަލައިގައި އަނިޔާ ލިބުނު އާއިލާތަކާ ބައްދަލުކުރައްވައި، މައްސަލަ އަނބުރާ ގެންދަން ޖެހުނު ސާފުކޮށްދޭން ޕީޖީ ޝަމީމް ވަރަށް އަވަހަށް އެ ހާދިސާ ހިނގި ރަށަށް ވަޑައިގަންނަވާނެ ކަމަށެވެ.
މުދިމުގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކުދިން މިހާރު ތިބީ 18 އަހަރުވެފައެވެ. އެ މީހުންނަށް އެ މައްސަލައިގައި އިންސާފު ނުލިބޭތީ ކަންބޮޑުވުންފާޅުކޮށްފައިވެއެވެ.