03 Feb 2020, 20:27
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން ކުރިން ކޮތަރު ކޮށީގެ ގޮތުގައި ސިފަ ކުރެއްވި ފްލެޓުތައް މިއަދު ރަނަށްވެ، ބްރިޖު "ޖަޒީރާ"ވެފައިވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކުރީ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ 7000 ފްލެޓު އޭގެ ހައްގުވެރިންނަށް ހަވާލު ކުރަން ނިންމާފައިވާ ކަމަށް، މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ. އަދި މާލެ-ތިލަފުށި ގުޅުވައިދޭ ބްރިޖްގެ ޑިޒައިނާއި ސާވޭގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ބްރިޖްގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެކަން ވެސް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން ކޮރޯނާ ވައިރަސްގެ ނުރަނގަޅު އަސަރު ޓޫރިޒަމަށް ކުރާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ދެއްކެވި ބައެއް ވާހަކަތަކާ ގުޅުވައި ކުރެއްވި ޓްވީޓުތަކެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މެމްބަރު ސައީދު ވިދާޅުވީ، ހުޅުމާލޭގައި ފްލެޓުތައް އަޅުއްވައި މުޅި ރާއްޖެ ބަދަލުކޮށްދެއްވީ ރައީސް ޔާމީން ކަމަށެވެ. އަދި ކުރިން "ކޮތަރު ކޮށި" ކަމަށް ބުނެ އުޅުނު އެ ފްލެޓުތައް މިހާރުގެ ސަރުކާރަށް "ރަނަށް"ވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ބްރިޖަކުން ތިލަފުއްޓާ ގުޅާލުމަކީވެސް ރައީސް ޔާމީންގެ ވިސްނުންފުޅެއް ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ބްރިޖު އެޅުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުގައި ޑިޒަައިނު ހަދައި، ފައިނޭންސްކޮށް، ދަރަނި އަދާ ކުރާނެ ގޮތްވެސް ރޭވި ކަމަށް ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރުގެ ސަރުކާރުގައި ތިބި ބޭފުޅުން އޭރު ބްރިޖު އެޅުމާ ފާޅުގައި ދެކޮޅު ހެއްދެވި ކަމަށެވެ.
"މީގެ ކުރިން ބްރިޖު ގޯސް. މިއަދު ބްރިޖު "ޖަޒީރާވެ ނިމިއްޖެ،" ސައީދު ވިދާޅުވިއެވެ.
ކޮރޯނާވައިރަހުން ޓޫރިޒަމަށް ނުރަނގަޅު އަސަރުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވުމާ ގުޅީގެން ސައީދު ވިދާޅުވީ، އެމްޑީޕީ އިދިކޮޅުގައި އޮންނަ ކޮންމެ ފަހަރަކު ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާލާ ކަމަށެވެ.
ސައީދު ވިދާޅުވީ، ރިޔާސީ ބަޔާނުން، މުޅި ދައުލަތް އޮޅުންބޮޅުމުގެ ތެރޭގައި އޮތްކަން އެނގިވަޑައިގެންފި ކަމަށެވެ. އަދި އިޖްތިމާއީ އިންސާފުން އެކަހެރިވެ، މުޅި ގައުމުގެ އިގްތިސޯދު ދަށަށް ގޮސްފައިވާކަމާއި، އެކަން ހަމަ މަގަށް އެޅުވޭނެ ގާބިލްކަން ސަރުކާރުގައި ނެތްކަން އެނގިވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.