04 Dec 2011, 16:37
ބަޣްދާދު (ޑިސެމްބަރ 4) : ޢިރާޤުގެ ވެރިރަށް ބަޣްދާދުގެ އެންމެ ވަރުގަދަ އަށް ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ގްރީން ޒޯންގައި މިދިޔަ ހަފްތާގައި ދިން ޖާނުގޮއްވާލުމުގެ ޙަމަލާއަކީ ބޮޑުވަޒީރު ނޫރީ އަލްމާލިކީ އަވަހާރަކޮށްލަން ދިންޙަމަލާއެއް ކަމަށް ޢިރާޤު ސަރުކާރުން ބުނެފި އެވެ.
ޢިރާޤުގެ އަމްނާބެހޭ މަސްއޫލުވެރިއެއް ކަމަށްވާ ޤާސިމް މޫސަވީ ވިދާޅުވީ ޢިރާޤުގައި އެންމެ ވަރުގަދައަށް ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ގްރީން ޒޯނަކީ ޢިރާޤު ސަރުކާރުގެ މައި މަރުކަޒު ކަމުގަ އެވެ. ޢިރާޤުގައި ހުންނަ ބޭރުގެ ޑިޕްލޮމެޓިކް މިޝަންތަކާއި ޢިރާޤުގެ ވުޒާރާތަކާއި ޕާލަމެންޓް ޢިމާރާތާއި ބޮޑުވަޒީރާއި ރައީސްގެ އޮފީސްތައް ހުންނަނީ ގްރީން ޒޯން ގަ އެވެ.
ގްރީން ޒޯންގައި ޖާނުގޮއްވާލުމުގެ ޙަމަލާއެއް ދިނުމަކީ ބޮޑު މައްސަލައެއް ކަމަށާއި މިކަން ތަޙްޤީޤްކުރާނެ ކަމަށް ޢިރާޤު ސަރުކާރުން ބުނެ އެވެ. ބަޣްދާދުގެ ގްރީން ޒޯނަށް ޖާނުގޮއްވާލައިގެން ޙަމަލާ ދީފައި ވަނީ އެމެރިކާގެ ބާރުތައް ޢިރާޤުން ފައްސާލަން މަސައްކަތްކުރާ ޢިރާޤުގެ ހަނގުރާމަވެރިން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ގްރީޒޯންގައި މިޙަމަލާ ދީފައި ވަނީ ދާދިފަހުން ޢިރާޤަށް ޒިޔާރަތް ކުރެއްވި އެމެރިކާގެ ނައިބު ރައީސް ބަޣްދާދަށް ވަޑައިގަތުމުގެ ދެ ދުވަސްކުރިންނެވެ. މިޙަމަލާގައި މަރުވެ އަދި ޒަޚަމްވީ މީހުންގެ ޢަދަދު ވިއްސަށް އަރާކަމަށާ މިޙަމަލާގައި ބޮޑުވަޒީރު މާލިކީއާއި ޢިރާޤުގެ މަސްއޫލުވެރިއަކަށް އެއްވެސް ގެއްލުމެއް ލިބިވަޑައިނުގަންނަވާ ކަމަށް ޢިރާޤުން ހާމަކޮށްފައިވެ އެވެ. (އަލްޖަޒީރާ)