03 Feb 2020, 20:00
މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނުގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިއަދު ދެއްވި ރިޔާސީ ބަޔާނާ ގުޅޭ ގޮތުން ކުރެއްވި ޓްވީޓެއްގައި އަދުރޭ ވިދާޅުވީ، އެ ބަޔާނަކީ އެއްވެސް އުންމީދެއް ނެތް ބަޔާނެއް ކަމަށެވެ. އަދި އެ ބަޔާނުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާ ބެހޭގޮތުން ވާހަކަ ދައްކާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޖުމްލަކޮށް ބަލާއިރު އެ ބަޔާނަކީ އެއްވެސް އޮއްޓަރެއް ނެތް ބަޔާނެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަަބްދުއްރަހީމްގެ އިތުރުން އިދިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މަޖިލިސް މެމްބަރުންވެސް ވަނީ ރިޔާސީ ބަޔާނަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ ރިޔާސީ ބަޔާން "ވަރަށް ތާފަނާ" ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު އަދި މިހާރު، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ ބަޔާނުން، މުޅި ދައުލަތް އޮޅުންބޮޅުމުގެ ތެރޭގައި އޮތްކަން އެނގިވަޑައިގެންފި ކަމަށެވެ.
"ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ މުޅި ދައުލަތް ވަނީ އޮޅުންބޮޅުމުގެ ތެރޭގައި ކަން. އިޖްތިމާއީ އިންސާފުން އެކަހެރިވެ މުޅި ގައުމުގެ އިގްތިސާދު ދަށައްގޮސްފިކަން. އަދި އެކަން ހަމަމަގައް އެޅުވޭނެ ގާބިލްކަން މިސަރުކާރުގައި ނެތްކަން." ސައީދު ވިދާޅުވިއެވެ.
ރައީސްގެ ރިޔާސީ ބަޔާނަށް ރައްދު ދިނުމަކީ މަޖިލީހުގެ އިދިކޮޅު ލީޑަރު ކުރަން ޖެހޭ ކަމެކެވެ. މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގައި އިދިކޮޅު ލީޑަރަކީ ކޮބާކަން އެނގޭހާ އަވަހަށް ރިޔާސީ ބަޔާނަށް ޖަވާބު ދޭނެ ކަމަށެވެ.