ސަރުކާރުގެ ސްކޫލްތަކުގެ ޕްރައިމަރީ ގްރޭޑްތަކުގައި ކޮމްޕިއުޓާ ކޯޑިން ދަސްކޮށްދޭން ނިންމައިފިއެެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ތަރައްގީގެ އަމާޒުތަކަށް ވާސިލްވުމުގައި، ސަރުކާރަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރެވޭނީ، ޒަމާނީ އައު ޓެކްނޮލޮޖީގެ ބޭނުން ހިފިވަރަކުން ކަމަށެެވެ.

އެގޮތުން ދުނިޔޭގެ އިގްތިސާދީ ދުވެއްޔާ ފައި ހަމަކޮށް، އަދި އީޖާދީ ގޮތްތަކުގެ ބޭނުން ހިފައިގެން ވިޔަފާރިއާއި މަސައްކަތް ހޯދަން ދަންނަ ޖީލެއް އުފެއްދަށް ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ދަރިވަރުންނާއި ޒުވާނުން ޓެކްނޮލޮޖީ އާއި ސައިންސަށް އަހުލުވެރި ކުރުވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށް ރައީސް ފާހަގަކުރެއްްވިއެވެ.

"ގައުމީ މަންހަޖަށް ސްޓެމްގެ މާއްދާތައް ތަރައްގީކޮށް، ޕްރައިމަރީ ސްކޫލުން ފެށިގެން ކޯޑިން ދަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތް ފަށާނަން. އަދި މިހާރު އެކުލަވާލާފައިވާ ނެޝަނަލް އައިޑެންޓިފިކޭޝަން މަގުޗާޓާ އެއްގޮތަށް، ދިވެހި ރައްޔިތުންގެ އައިޑެންޓިޓީ ކާޑުތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ،" ރައީސް ވިދާޅުވިއެވެ.

ނިމިގެން ދިޔަ ސަރުކާރުގައިވެސް ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކޯޑިން ދަސްކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއެެވެ. އޭރު ކޯޑިން ދަސްކޮށްދިނުމަށް ޕްރޮގްރާމް ހިންގީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގި އުފާ ޕްރޮގްރާމްއިންއެވެ.

ޕައިލެޓް ޕްރޮގްރާމްގެ ދަށުން އުފާ ޕްރޮގްރާމް ރާއްޖޭގެ 90 ސްކޫލްއެއްގައި 3479 ދަރިވަރުންނަށް ކޯޑިންއާ ގުޅޭ ހަރަކާތައް ކުރިއަށް ގެންދިޔައެެވެ. އަދި އެ ޕްރޮގްރާމް އިތުރަށް ފުޅާކުރަން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅިކަމަށްވެސް ކުރިން އުފާ ޕްރޮގްރާމްގައި އިސްކޮށް އުޅުއްވި އޮފިޝަލެއް "ސަން" އަށް ވިދާޅުވިއެވެ.