ހިންދީ ފިލްމުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ އެންމެ ބޮޑު އެއް އެވޯޑު ކަމަށްވާ ފިލްމްފެއާ އެވޯޑްސްގައި މިއަހަރު އެންމެ ގިނަ ނޯމިނޭޝަން ލިބުނު ފިލްމަކަށް "ގަލީ ބޯއި" ވެއްޖެ އެވެ.

ރަންވީރު ސިންގް އާއި އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދިޔަ ގަލީ ބޯއި ވަނީ ފިލްމް ފެއާ އެވޯޑްސްގެ 13 އެވޯޑަކަށް ނޯމިނޭޓްވެފައެވެ.

ގަލީ ބޯއި ވަނީ އެންމެ މޮޅު ފިލްމުގެ އެވޯޑަށް ނޯމިނޭޓްވެފައެވެ. އެެ އެވޯޑަށް ނޯމިނޭޓްވި އިތުރު ފިލްމުތަކުގެ ތެރޭގައި "ޗިޗޯރޭ" އާއި "މިޝަން މަންގަލް" އާއި "އޫރީ : ދަ ސާޖިކަލް ސްޓްރައިކް" އަދި "ވޯ" ހިމެނެއެވެ.

އާލިޔާ އާއި ރަންވީރު ވަނީ ފިލްމްފެއާ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުންގެ އެވޯޑަށްވެސް ނޯމިނޭޓްވެފައެވެ. އަދި ފިލްމުގެ ޑައިރެކްޓަރު ޒޯޔާ އަހްތަރު އެންމެ މޮޅު ޑައިރެކްޓަރަށް ނޯމިނޭޓްވިއިރު ސަޕޯޓިން އެކްޓަރުންވެސް ވަނީ ތަފާތު އެކި އެވޯޑުތަކަށް ނޯމިނޭޓްވެފައެވެ.

ފިލްމުފެއާ އެވޯޑުގެ ރަސްމީ ޖަލްސާގެ ކުރީން "ކާޓެއިން ރެއިޒާ"އެއް ބާއްވައެވެ. ރޭގައި އެ އިވެންޓު ބޭއްވިއިރު އެ އިވެންޓުގައި ފިލްމު ޕްރޮޑަކްޝަންގެ ބައެއް ޓެކްނިކަލް ދާއިރާތަކަށް އެވޯޑު ދީފައިވެއެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 62 ވަނަ ފިލްމްފެއާ އެވޯޑު ކުރިއަށް ދާނީ މިމަހުގެ 15 ގައެވެ.