03 Feb 2020, 13:26
ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކުރުމަށް މިއަހަރު ކުންފުންޏެއް ހުޅުވަން ސަރުކާރުން ނިންމައިފިއެެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ދަނޑުވެރިން އެންމެ ބޮޑަށް އެދޭ އެއްކަމަކީ އެމީހުންގެ އުފެއްދުންތައް މާކެޓުކޮށް، ވިއްކާ އަދި، ފަސޭހައިން ފައިސާ ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެން ދިއުން ކަމަށެެވެ.
"މިގޮތުން، ސަރުކާރު ހިއްސާވާ އެގްރި ކުންފުންޏެއް އުފައްދައި، ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކޭނެ އިންތިޒާމްތައް މި އަހަރު ތެރޭގައި ހަމަޖެހިގެންދާނެ" ރައީސް ވިދާޅުވިއެެވެ.
ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ފިޝަރީޒް މިނިސްޓްރީން މިހާރު ދަނީ ހާއްސަ ޓްރެއިނިން ޕްރޮގްރާމްތަކެއްވެސް ހިންގަމުންނެވެ.
އެގޮތުން އެފަދަ ފުރަތަމަ ޕްރޮގްރާމް އިންޑިއާގައި ދާދި ފަހުން ވަނީ ހިންގައިފައެވެ.
އެ ކޯހުގެ ބައިވެރިން ވަނީ ކޯހުގައި ހޭދަކުރެވުނު 6 މަސް ދުވަހުގެ ތެރޭގައި، އިންޑިޔާގެ ޓެމިލްނާޑޫ އެގްރިކަލްޗަރ ޔުނިވާސިޓީގައި ދަނޑުވެރިކަމުގެ މައިގަނޑު ދާއިރާތަކުގެ ތަމްރީނުތައް ފުރިހަމަކޮށްފައެވެ.