03 Feb 2020, 15:15
އެމްޓީސީސީގެ ވިޔަފާރިތަކުން މިދިޔަ އަހަރު ލިބުނު އާމްދަނީއާއި ކުންފުނީގެ ސާފު ފައިދާއަށް ބޮޑު ހީނަރުކަމެއް އަތުވެއްޖެ އެވެ.
އެމްޓީސީސީ އިން މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެކުންފުންޏަށް ލިބިފައި ވަނީ 1.1 ބިލިއަން ރުފިޔާ އާމްދަނީއެކެވެ. ނަމަވެސް އެއީ އޭގެ ކުރީ އަހަރު، 2018 ވަނަ އަހަރަށް ވުރެ، 170 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
ދެހާސް އަށާރަ ވަނަ އަހަރު އެ ކުންފުނީގެ އާމްދަނީއަކީ 1.2 ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު އެމްޓީސީސީއަށް ވަނީ 30 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވެފަ އެވެ.
ދެ ހާސް އަށާރަ ވަނަ އަހަރު އެ ކުންފުނީގެ ފައިދާއަކިީ 43.2 މިލިއަން ރުފިޔާ އެވެ.
އާމްދަނީއާއި ސާފު ފައިދާއަށް ހީނަރުކަމެއް އައި ނަމަވެސް، 2018 ވަނަ އަހަރާ އަޅާބަލާ އިރު މިދިޔަ އަހަރު 'ސެލިންގް އެންޑް މާކެޓިންގް ކޯސްޓް' ފިޔަވައި ކުންފުނީގެ އެހެން ހަރަދުތައް ވަނީ ދަށްކޮށްފަ އެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީ އިން އިމާރާތްކުރުމުގެ 46 މަޝްރޫޢެއްގެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު، އޭގެ ތެރެއިންފަސް މަޝްރޫޢެއްގެ މަސައްކަތް ވަނީ މުޅިން ނިންމާލާފަ އެވެ.
ފަހު ކުއާޓަރުގައި 13 މަޝްރޫއެއްގެ މަސައްކަތް އަލަށް ފެށި އިރު، އިތުރު 19 މަޝްރޫއު އެކުންފުންޏަށް ވަނީ އެވޯޑުކޮށްފަ އެވެ.
މީގެ އިތުރުން ފަހު ކުއާޓަރުގައި ބިން ހިއްކުމުގެ ފަސް މަޝްރޫޢެއް ކުރިއަށް ގެންދިޔަ އިރު، ދެ މަޝްރޫއުގެ މަސައްކަތް ވަނީ ނިންމާލާފަ އެވެ. އަދި އިތުރު އެއް މަޝްރޫއު އެކުންފުންޏަށް އެވޯޑުކޮށްފައިވާ އިރު، ފަހު ކުއާޓަރުގައި ބިންހިއްކުމުގެ 'ހާއްސަ' މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ދެހާސް އަށާރަ ވަނަ އަހަރާ އަޅާބަލާ އިރު މިދިޔަ އަހަރު އެމްޓީސީސީގެ އާމްދަނީއާއި ސާފު ފައިދާއަށް ބޮޑު ހީނަރުކަމެއް އައިއިރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އެންގެވުމަކަށް އެމްޓީސީސީގެ ސީއީއޯގެ މަގާމަށް މިދިޔަ މަހު ވަނީ ގެނެސްފަ އެވެ.
އެގޮތުން އެ މަގާމު އަދާކުރައްވަމުން ގެންދެވި ހަސަން ޝާހު އެމްޑަބްލިއުއެސްސީގެ އެމްޑީ ކަމަށް ބަދަލުކުރުމަށް ފަހު އެމްޓީސީސީގެ ސީއީއޯއަކަށް އެމްޑަބްލިއުއެސްސީގެ އެމްޑީގެ ގޮތުގައި ހުންނެވި އާދަމް އާޒިމް ވަނީ ހަމަޖައްސައިފަ އެވެ.
ނަމަވެސް އެ ބަދަލު ގެނައި ސަބަބެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.