04 Dec 2011, 15:57
ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިސްލާމް ދީނާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލި އޮޅުވާލުމެއްކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
ޕީޕީއެމްގެ ކައުންސިލް މެންބަރު ޑރ. އަފްރާޝީމް އަލީ ސޮއިކުރައްވައި މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޖަލްސާގައި ރައީސް ނަޝީދު ގުރުއާނުގައި ބަޔާންކޮށްފައިވާ އިސްލާމީ ހައްދުތަކާ ދެކޮޅަށް ވާހަކަ ދައްކާފައިވާ ކަމަށެވެ.
އަދި އިސްލާމް ދީނަކީ އަނިޔާވެރި، ލާއިންސާނީ ދީނެއް ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށާއި އެއީ އެމަނިކުފާނު ރައްޔިތުންނަށް އޮޅުވާލާ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ. އަދި ރައީސްގެ އެ ވާހަކަތައް އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ރައީސް ނަޝީދު ދައްކަވާ އެފަދަ ވާހަކަފުޅުތައް އަޑުއަހައި ގަބޫލު ނުކުރުމަށް ވެސް އެ ޕާޓީން ވަނީ ރައްޔިތުންނަށް ގޮވައިލައްވާފަ އެވެ.
"އެހެންވީމާ އިސްލާމްދީން ބަލިކަށި ކޮށްލުމަށް ޓަކައި، އައްޑޫ ސިޓީގައި ބުދު ބަހައްޓައި އެ ދީނުގެ ހައްދުތައް ބަދަލުކޮށް ލުމަށްޓަކައި ވާހަކަ ދެއްކުމަށް ގޮވާލާފައިވާ ގޮވާލުމަކީ އިސްލާމްދީން ޕްރޮމޯޓު ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބުނެ އެކަން ކަމަށް ތާއީދު ކުރައްވާ ވާހަކަފުޅު ދެއްކެވި ކަމީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެކެވެ. އަދި އެއީ ޕީޕީއެމްގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމެކެވެ. އެހެންކަމުން ދިވެހި ރާއްޖޭގެ ލޮބުވެތި މުސްލިމް ރައްޔިތުން ރައީސް ނަޝީދު ދައްކަވާ އެފަދަ ވާހަކަތައް އަޑުނޭއްސެވުމަށާއި އެވަހަކަތައް ގަބޫލުނުކުރެއްވުމަށް ގޮވާލަމެވެ،” ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.