ފިލްމު އަދި ޓީވީ ޝޯތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ ބްރިޓިޝް އެކެޑެމީ އޮފް ފިލްމް އެންޑް ޓެލެވިޜަން އާޓްސް (ބާފްޓާ) އެވޯޑްސްގައި އެންމެ ކާމިޔާބު ފިލްމަކަށް، މިއަހަރު ނެރުނު ހިސްޓޮރިކް ފިލްމު "1917" ވެއްޖެ އެވެ.

ފިލްމީ އުފެއްދުންތަކަށް އިނގިރޭސިވިލާތުންދޭ ބާފްޓާ އެވޯޑުގައި 1917 ވަނީ ހަތް އެވޯޑެއް ހޯދާފައެވެ.

އެ ފިލްމަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި އެންމެ މޮޅު ފިލްމާއި އެންމެ މޮޅު ސިނެމެޓޮގްރަފީ ހިމެނެއެވެ. އަދި އެ ފިލްމުގެ ޑައިރެކްޓަރު ސޭމް މެންޑޭޒް އަށް ވަނީ އެވޯޑު ހަފްލާގައި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑުވެސް ލިބިފައެވެ.

ބާފްޓާ އެވޯޑު ހަފްލާގައި ދެވަނަ އަށް އެންމެ ކާމިޔާބު އެވޯޑު ހޯދާފައިވަނީ "ޖޯކާ"އެވެ. އެ ފިލްމަށް ތިން އެވޯޑެއް ލިބިފައިވެއެވެ. އެގޮތުން އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ވާކީން ފީނިކްސް ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ހޯދާފައެވެ.

ބާފްޓާ އެވޯޑުގެ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ހޯދާފައިވަނީ ރެނޭ ޒެލްވެގާ އަށެވެ. އެ އެކްޓަރުންނަކީ މިއަހަރު ބޭއްވި ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު އެކްޓަރުންގެ އެވޯޑުވެސް ހޯދާފައިވާ ދެ ފަންނާނުންނެވެ.

ގޯލްޑެން ގްލޯބްސްގެ އެވޯޑުގައި މިއަހަރު ކާމިޔާބީތައް ހޯދި ފަރާތްތައް ވަނީ އެ ބާފްޓާ އެވޯޑުގައިވެސް ކާމިޔާބު ހޯދާފައެވެ. އެގޮތުން އެންމެ މޮޅު ފޮރިން ފިލްމުގެ އެވޯޑު ވަނީ ދެކުނު ކޮރެއާގެ ފިލްމު "ޕެރަސައިޓް" ހޯދާފައެވެ.